މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އަދި އެ ތަކެތި ޓްރެފިކްކުރާކަމުގެ ތުހުމަތުގައި ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގ. މޫންލައިޓްވިޔު، މާލެ، މުޙައްމަދު ޢުމައިރު (58އ) އާއި ގުލްއަލާގެ، ލ. ދަނބިދޫ، މާޝާ އިބްރާހީމް (38އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހުގެ 23 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
ކޯޓު އަމުރެއްގެ ދަށުން ހިންގި މި އޮޕަރޭޝަންގައި މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު، އެ ތަނުން ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން އެ ތަނުން ގިނަ އަދަދެއްގެ ފައިސާ ވެސް ފެނިފައިވާ ކަމަށް ފުލުހުންގެ މައުލޫމާތުން އެނގެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.



