ސަޢޫދީ ޢަރަބިއްޔާގެ ތެޔޮ ކުންފުނި، އަރަމްކޯގެ ހެލިކޮޕްޓަރެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން، އެ ޤައުމުގެ ވަލީޢަހުދު އަދި ބޮޑުވަޒީރު ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، އެތައް ބައެއްގެ ފުރާނަ ގެއްލުނު މި ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސަޢޫދީ ސަރުކާރަށާއި އަޚުވަންތަ ރައްޔިތުންނަށް އެމަނިކުފާނު ވަނީ ތަޢުޒިޔާ ރައްދުކުރައްވާފައެވެ.
މީގެ އިތުރުން، މިފަދަ ދަތި ދަނޑިވަޅެއްގައި ދިވެހިރާއްޖެ އަބަދުވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ސާބިތުކަންމަތީ އޮންނާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، މި ހާދިސާގައި ފުރާނަ ގެއްލުނު މީހުންގެ ޢާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރައްވަމުންނެވެ.



