އދ. އިން ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިވުމަށް ކަނޑައަޅާފައިވާ އެޖެންސީ (އަންރުވާ) މެދުވެރިކޮށް، ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ދިވެހިރާއްޖެއިން ކޮންމެ އަހަރަކު 50,000 އެމެރިކާ ޑޮލަރު ހަދިޔާކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަން އިޢުލާނުކޮށްފައިވަނީ އިއްޔެ އދ. ގެ މައި މަރުކަޒުގައި ބޭއްވި ‘އަންރުވާ ޕްލެޖިން ކޮންފަރެންސް’ ގައެވެ. ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، މި ނިންމުން ހާމަކުރެއްވީ އދ. އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު އެ ކޮންފަރެންސްގައި ދެއްވި ބަޔާނުގައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން ރާއްޖެއިން ފަލަސްޠީނަށް އަހަރަކު ދެމުން އައީ 5,000 އެމެރިކާ ޑޮލަރުގެ އެހީއެކެވެ. ނަމަވެސް، މި އަހަރުން ފެށިގެން އެ އަދަދު ވަނީ 50,000 ޑޮލަރަށް އިތުރުކޮށްފައެވެ. މިއީ ކުރިން ދެމުން އައި އަދަދަށްވުރެ ދިހަ ގުނަ އިތުރު އަދަދެކެވެ.
ސަފީރު ޑރ. އަލީ ނަސީރުގެ ބަޔާނުގައި ވިދާޅުވީ، އަންރުވާއަށް އެހީތެރިވުމަކީ ހަމައެކަނި ބަޖެޓާ ގުޅޭ ނިންމުމެއް ނޫން ކަމަށާއި، އެއީ ފަލަސްޠީނު ރައްޔިތުންގެ ކަރާމާތް ދެމެހެއްޓުމަށާއި ބައިނަލްއަޤުވާމީ ޤާނޫނީ ނިޒާމު ހިމާޔަތްކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.
އަންރުވާ ހިންގުމުގައި ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އެ އެޖެންސީއާ ދެކޮޅަށް ކުރަމުންދާ ދޮގު ތުހުމަތުތަކަށް ސަފީރުގެ ބަޔާނުގައި އަލިއަޅުއްވާލެއްވިއެވެ. އަދި އެ އެޖެންސީގެ ޒިންމާތައް އަދާކުރުމަށް މަގުފަހިކޮށްދިނުމަށްޓަކައި ބައިނަލްއަޤުވާމީ މުޖުތަމައުން މެދުނުކެނޑި އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
ރާއްޖެއިން އަބަދުވެސް އޮންނާނީ ފަލަސްޠީނުގެ ރައްޔިތުންނާއެކުކަން ސަރުކާރުން ވަނީ ތަކުރާރުކޮށްފައެވެ.



