ލ. ކުނަހަންދޫ ހިމެނޭހެން އެކި ސަބަބުތަކާ ހުރެ މަސައްކަތް ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއުތައް އަންނަ ޑިސެމްބަރު މަހު އަލުން ފަށައި، 2027 ވަނަ އަހަރުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ގިނަ ރަށްރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތްތައް ހުރީ ހުއްޓިފައި ކަމަށެވެ. އެގޮތުން ފެނަކައާ ހަވާލުކޮށް، ސަބްކޮންޓްރެކްޓަރުންނަށް އެޑްވާންސް ފައިސާ ދީފައިވީ ނަމަވެސް، މަސައްކަތް ކުރިއަށް ނުގޮސް ހުރި މަޝްރޫއުތަކުގެ އެއްބަސްވުންތައް ބާތިލުކުރުމަށްފަހު، އެ މަސައްކަތްތައް މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާ ހަވާލުކުރި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި އެމްޑަބްލިޔުއެސްސީއަށް ވެސް ފައިސާ ހޯދުމުގައި ކުރިމަތިވި ދަތިތަކާ ހުރެ ބައެއް ރަށްރަށުގެ މަސައްކަތް ފެށުން ލަސްވި ނަމަވެސް، މިހާރު އެ ކުންފުނިން ތަކެތި ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ސައިޓުތަކަށް މޮބަލައިޒްވެ އަމަލީ މަސައްކަތް ފަށައި، 2027 ގެ ނިޔަލަށް އެ މަޝްރޫއުތައް ނިންމުމަށް ޝެޑިއުލް ކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ކުނަހަންދޫ ފަދަ ހައްސާސް މައްސަލަތައް ހުރި ރަށްރަށުގެ މަސައްކަތް އަވަސްކުރުމަށްޓަކައި، ވަކިން އެހެން ފަރާތަކާ ހަވާލުކޮށްގެން ނަމަވެސް ރައްޔިތުންނަށް އެ ޚިދުމަތް ވީއެންމެ އަވަހަކަށް ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.



