އޮކްޓޯބަރު މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކާ ގުޅިގެން ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަތައް ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ މަހު ކުޑަކުދިންނަށް ކުރި އަނިޔާގެ 109 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ.
އޭގެ ތެރެއިން އެންމެ ގިނައިން ހުށަހެޅުނީ ކުދިންނަށް އިހުމާލުވުމުގެ 27 މައްސަލައެވެ. އެއީ ނުވަ ފިރިހެން ކުދިންނާއި 18 އަންހެން ކުދިންނާ ގުޅޭ މައްސަލައެވެ. ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކުރީ ޖިންސީ ހާނިއްކައިގެ 24 މައްސަލައެވެ. އޭގެ ތެރޭގައި ހަ ފިރިހެން ކުދިންނާއި 18 އަންހެން ކުދިން ހިމެނެއެވެ. ޖުމްލަ ގޮތެއްގައި ކުޑަކުދިންނަށް ކުރި އަނިޔާގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އަންހެން ކުދިންގެ 62 މައްސަލައަކާއި ފިރިހެން ކުދިންގެ 47 މައްސަލައެވެ.
އިހުމާލުވުމާއި ޖިންސީ ހާނިއްކައިގެ އިތުރުން ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި:
ޖިސްމާނީ ހާނިއްކައިގެ 19 މައްސަލަ
ގެވެށި އަނިޔާގެ އަމަލުތައް ކުޑަކުދިންނަށް ދެއްކުމުގެ 14 މައްސަލަ
ނަފްސާނީ ގޮތުން އިހުމާލުވުމުގެ ނުވަ މައްސަލަ
ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފަސް މައްސަލަ
ގަނާކުރުމުގެ ހަތަރު މައްސަލަ އަދި ބިރުދެއްކުމުގެ ތިން މައްސަލަ
ބަދުއަހްލާގީ ވީޑިއޯ، ގްރޫމިން އަދި ފުރައްސާރައިގެ މައްސަލަތައް
ކުޑަކުދިންގެ އަހުލާގީ މައްސަލަތަކާ ގުޅޭ 35 މައްސަލައެއް ވެސް އޮކްޓޯބަރު މަހު އެ ވުޒާރާއަށް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ރުޅިގަދަވެގެން އުޅުމާއި، ސްކޫލަށް ދާން ބޭނުންނުވުމާއި، ގެއިން ނިކުމެގެން ދިއުމުގެ މައްސަލަތައް ހިމެނެއެވެ. މީގެ އިތުރުން، އުފަންވުން ރަޖިސްޓްރީ ކުރުމާއި ލިޔެކިޔުންތައް ހޯދުމާ ގުޅޭ، ކުޑަކުދިންގެ ހައްގުތަކުގެ ތިން މައްސަލައެއް ވެސް އެ މަހު ވަނީ ރިޕޯޓްކޮށްފައެވެ.



