މާލެ އާއި ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި އޮޕަރޭޝަންގައި ރައިވެރި ހިނގުމުގައި ހުންނަ ގެސްޓް ހައުސްއަކާއި އެ ސަރަހައްދު ފާސްކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މަހުގެ ދެވަނަ ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 21 އަހަރާއި 34 އަހަރާ ދެމެދުގެ ހަ ދިވެހި ފިރިހެނުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 30 އަހަރުގެ ދެ މީހަކާއި، 21 އަހަރުގެ މީހަކާއި، 23 އަހަރުގެ މީހަކާއި، 32 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހެކެވެ.
ފުލުހުން ބުނި ގޮތުގައި، މި މީހުން ހައްޔަރުކޮށް ފާސްކުރިއިރު އެ މީހުންގެ އަތުން ފަތްޖެހި ވަޅިއަކާއި 39,695 ރުފިޔާ ފެނިފައިވެއެވެ. މި ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭގެ ތެރެއިން ހަތަރު މީހަކު 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި ބާކީ ތިބި ދެ މީހުން ވަނީ ބައެއް ޝަރުތުތަކާއެކު ދޫކޮށްލާފައެވެ.



