ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ. ކަސްޓަމްސްއިން ހާމަކުރި ގޮތުގައި މި ތަކެތި އަތުލައިގެންފައި ވަނީ މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
މި އޮޕަރޭޝަނުގައި އަތުލައިގަތް ތަކެތީގެ ތެރޭގައި ހިމެނެނީ 740 ގްރާމްގެ ކެނެބިސް އާއި 2.7 ކިލޯގެ ހަޝިޝް އޮއިލް އެވެ. ކަސްޓަމްސްއިން ލަފާކުރާ ގޮތުގައި މި ތަކެތީގެ މަގުމަތީ އަގު ދެ މިލިއަން ދިވެހި ރުފިޔާއަށް ވުރެ މަތިވާނެއެވެ.
މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިދިޔަ މަހުގެ 18 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް އެތެރެކުރަން އުޅުނު 5 މިލިއަން ރުފިޔާގެ ސިންތެޓިކް ކެތިނޯން ވެސް ވަނީ އަތުލައިގެންފައެވެ. މީގެ އިތުރުން ޖޫން މަހުގެ 9 ވަނަ ދުވަހު 6 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލް ވެސް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.



