އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ސައުދީ އަރަބިއްޔާއަށް އުމްރާ ދަތުރުތައް ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ފަށައިފިއެވެ. ގައުމީ އެއާލައިން މޯލްޑިވިއަނާއި އުމްރާ ދަތުރުގެ ހިދުމަތް ފޯރުކޮށްދޭ ޓްރެވެލް އެޖެންސީއެއް ކަމަށްވާ “ދަ ޓްރެވެލާ” ގުޅިގެން ކުރިއަށްގެންދާ މި ދަތުރުތަކުގައި ބޭނުންކުރަނީ މޯލްޑިވިއަނުގެ އޭ-330 މަރުކާގެ މަތިންދާބޯޓެވެ.
މި ސިލްސިލާގެ ފުރަތަމަ ފްލައިޓް ރޭ ފަތިހު 4:24 ގައި ގަން އެއާޕޯޓުން ފުރާފައިވާއިރު، މި ފްލައިޓުގައި ކުޑަކުދިން ހިމެނޭހެން ޖުމްލަ 260 މީހުން އުމްރާގެ އަޅުކަމަށް ސައުދީއަށް ގޮސްފައިވެއެވެ. މިއީ މޯލްޑިވިއަނުން މިދިޔަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު އުމްރާ ދަތުރުތައް ފެށި ފަހުން، އަތޮޅުތެރޭގެ އެއާޕޯޓަކުން ބޭރަށް ކުރި މިފަދަ ފުރަތަމަ ދަތުރެވެ.
މޯލްޑިވިއަނުން އުމްރާ ދަތުރުތައް ފަށާފައިވާއިރު، މިދިޔަ ހައްޖު މޫސުމުގައިވެސް ހައްޖުވެރިން ސައުދީއަށް ގެންގޮސް އަދި އަނބުރައި ގެނަސްދިނުމުގެ އޮޕަރޭޝަންތައް އެ އެއާލައިނުން ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ. މިއީ ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
“ދަ ޓްރެވެލާ” އިން ބުނީ މި ދަތުރުގެ ސަބަބުން މައްކާ އާއި މަދީނާއަށް ދިއުމަށް އޮތް މަގު ކުރުވެ، އުމްރާވެރިންނަށް ލިބޭ ތަކުލީފުތައް ކުޑަވެގެން ދާނެކަމަށެވެ.



