ހުޅުމާލެ ހޮސްޕިޓަލުގައި ގެސްޓްރޯއެންޓެރޮލޮޖީ، ނިއުރޮލޮޖީ އަދި ޔޫރޮލޮޖީގެ ދާއިރާއިން ޚާއްސަ ސްޕެޝަލިސްޓް ޚިދުމަތްތައް ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތްތައް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު އެންޑް ސޯޝަލް ފެމިލީ ޑިވެލޮޕްމަންޓް ޑރ. ގީލާ އަލީއެވެ. އަދި މި ޚިދުމަތްތައް ފުޅާކުރުމުގެ ތެރެއިން އެ ހޮސްޕިޓަލުގައި އައު ނިއުރޯސައިންސް ޔުނިޓެއްވެސް ވަނީ ހުޅުވާފައެވެ.
މި އައު ޚިދުމަތްތަކުގެ މައިގަނޑު މަޤްޞަދަކީ އައިޖީއެމްއެޗްގެ ވެއިޓިން ލިސްޓު ކުޑަކުރުމާއި، ބޭސްފަރުވާއަށް ދިވެހިން ރާއްޖެއިން ބޭރަށް ދާންޖެހޭ މިންވަރު މަދުކުރުމެވެ.
މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވި ގޮތުގައި، ނިއުރޮލޮޖީގެ ޚިދުމަތުގެ ދަށުން ޑޮކްޓަރަށް ދެއްކުމާއި އީއީޖީ ޓެސްޓު ހެދުމުގެ ޚިދުމަތް ލިބޭނެއެވެ. އަދި ޔޫރޮލޮޖީ ޚިދުމަތުގެ ދަށުން ޑޮކްޓަރަށް ދެއްކުމާއި ޔޫރޯފްލޯމެޓްރީ ޓެސްޓު ހެދޭނެއެވެ. މީގެއިތުރުން ގެސްޓްރޯއެންޓެރޮލޮޖީ ކޮންސަލްޓޭޝަންގެ ޚިދުމަތް މިހާރު ފަށާފައިވާއިރު، ކުރިއަށް އޮތް ތަނުގައި އެންޑޮސްކޮޕީ އަދި ކޮލޮނޮސްކޮޕީގެ ޚިދުމަތް ތަޢާރަފުކުރުމަށް ވަނީ ރޭވިފައެވެ.
ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލުގެ ވަސީލަތްތައް ވަރަށް ބޮޑަށް ވަނީ އިތުރުކޮށްފައެވެ. އޭގެ ތެރޭގައި ހަތަރު ތިއޭޓަރު ހިމެނޭ އޮޕަރޭޝަން ކޮމްޕްލެކްސަކާއި، 10 އެނދުގެ އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ)، އައިސީޔޫ ރޫމެއްގެ އިތުރުން 14 އެނދުގެ އެންއައިސީޔޫ ހިމެނެއެވެ.



