ބަންގްލަދޭޝަށް މިހާރު ކުރިމަތިވަމުންދާ ވަރުގަދަ މޫސުމީ ވިއްސާރައާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަޢުޒިޔާއާއި ހަމްދަރުދީ ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި މެސެޖު ފޮނުއްވާފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ބަންގްލަދޭޝްގެ ބޮޑުވަޒީރު މުޙައްމަދު ތާރިޤް ރަޙްމާނަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި ހާދިސާތަކުގައި ފުރާނަ ގެއްލިދިޔަ ފަރާތްތަކުގެ ޢާއިލާތަކަށާއި، ދިރިއުޅުމާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބުނު އެންމެހައި ފަރާތްތަކާއެކު ދިވެހި ސަރުކާރާއި ރައްޔިތުން ތިބިކަން ހާމަކުރެއްވިއެވެ. އަދި މިފަދަ ދަތި ދަނޑިވަޅެއްގައި ދިވެހިރާއްޖެ އޮތީ ބަންގްލަދޭޝްއާއެކު ސާބިތުކަމާއެކުގައި ކަމަށާއި، އަސަރުކޮށްފައިވާ އާއިލާތަކަށް ކެތްތެރިކަމާއި އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.
ބަންގްލަދޭޝަށް ކުރިމަތިވެފައިވާ މި މޫސުމީ ވިއްސާރައަށް ހަފްތާއެއްހާ ދުވަސްވެފައިވާއިރު، ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މިހާތަނަށް 44 މީހަކު މަރުވެފައިވާކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކުރެއެވެ. މި ކާރިސާގެ ސަބަބުން އެގައުމުގެ އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ.
ޚަބަރުތައް ބުނާގޮތުން މި ވިއްސާރައިގައި 267,000 އަށްވުރެ ގިނަ ގޭބިސީއަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. އަދި އެގައުމުގެ ހަތް ސަރަޙައްދަކުން މިލިއަނެއްހާ މީހުންނަށް މި ކާރިސާގެ ސަބަބުން ސީދާ އަސަރުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.



