ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން މި މަހުގެ ތެރޭގައި ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަންތަކެއްގައި ޖުމްލަ 66 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މީގެ ތެރޭގައި އިއްޔެ ކ. ތިލަފުށީގައި ހިންގި ބޮޑު ރެއިޑް އޮޕަރޭޝަނެއްގައި އަތުލައިގަތް 32 ބިދޭސީން ހިމެނެއެވެ. އެ ރެއިޑްގައި ޖުމްލަ 836 ބިދޭސީން ބަލައި ފާސްކޮށްފައިވެއެވެ.
މި މަހުގެ ކުރީކޮޅުވެސް އިމިގްރޭޝަނުން ވަނީ މާލެ ސަރަހައްދުގައި ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. އެގޮތުން މި މަހުގެ 8 ވަނަ ދުވަހު މާލެ އާއި ހުޅުމާލޭގައި ހިންގި ‘މައިގްރޭޝަން މޮނިޓަރިން އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް’ ގެ ދަށުން 7 ބިދޭސީއަކު ވަނީ އަތުލައިގަނެފައެވެ. އަދި މި މަހުގެ 5 ވަނަ ދުވަހުގެ ރޭ މާލޭގެ ހުޅަނގު ބަނދަރު ސަރަހައްދުގައި ހިންގި ރެއިޑެއްގައި 27 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
އިމިގްރޭޝަނުން ހާމަކުރި ގޮތުގައި މި އޮޕަރޭޝަންތަކުގެ މައިގަނޑު މަގްސަދަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. މީގެ އިތުރުން، އުސޫލުތަކާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވައި، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ފުރިހަމައަށް ތަންފީޒުކުރުމަކީވެސް މި މަސައްކަތުގެ ބޮޑު ބައެއް ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހާއްސަ އިސްކަމެއް ދީގެން ފަށާފައިވާ މި މަސައްކަތްތައް، މެދުކެނޑުމެއްނެތި މާލެއާއި އަތޮޅުތެރޭގައި ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން އިމިގްރޭޝަނުން ވަނީ ދީފައެވެ. މި އޮޕަރޭޝަންތަކަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.



