“ޖުރަސިކް ޕާކް” އަދި “ދަ ޕިއާނޯ” ފަދަ މަޝްހޫރު ފިލްމުތަކުން ފެނިގެންގޮސްފައިވާ ނިއުޒީލެންޑުގެ އެކްޓަރު ސޭމް ނީލް، އުމުރުން 78 އަހަރުގައި މަރުވެއްޖެ ކަމަށް އޭނާގެ އާއިލާއިން ހާމަކޮށްފިއެވެ. ސިޑްނީގައި އޭނާ މަރުވީ ކުއްލި ގޮތަކަށް ކަމަށް ހޯމަ ދުވަހު އޭނާގެ ސޯޝަލް މީޑިއާ ޕޭޖުގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވެއެވެ.
ނީލް ވަނީ 2023 ވަނަ އަހަރު އޭނާއަށް ލިމްފޯމާގެ ނާދިރު ބާވަތެއް ކަމަށްވާ ‘އެންޖިއޯއިމިއުނޯބްލާސްޓިކް ޓީ-ސެލް ލިމްފޯމާ’ ޖެހިފައިވާކަން ހާމަކޮށްފައެވެ. ނަމަވެސް އާއިލާގެ ބަޔާނުގައި ބުނެފައިވަނީ އޭނާ މަރުވި އިރު ކެންސަރު ބަލިން ސަލާމަތްވެފައިވާ ކަމަށެވެ. އޭނާ މަރުވި ސީދާ ސަބަބެއް އާއިލާއިން ހާމައެއް ނުކުރެއެވެ.
ނީލްގެ މަރުގެ ހަބަރާއެކު ނިއުޒީލެންޑުގެ ބޮޑުވަޒީރު ކްރިސްޓޮފަރ ލަކްސަން ވަނީ އޭނާއަށް ތައުރީފު ކުރައްވާފައެވެ. ލަކްސަން ވިދާޅުވީ ނީލް އަކީ އެންމެ މޮޅު އެކްޓަރުންގެ ތެރެއިން އެކަކު”ކަމަށާއި، ފާއިތުވި 50 އަހަރު ތެރޭގައި ނިއުޒީލެންޑުގެ ވާހަކަތައް ދުނިޔެއަށް ގެނެސްދީ، އެ ގައުމުގެ ފިލްމީ ސިނާއަތް ކުރިއެރުވުމަށް ބޮޑު މަސައްކަތްތަކެއް ކޮށްދީފައިވާ ކަމަށެވެ. އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ވެސް ވަނީ ނީލްގެ ހިތްވަރާއި ހުނަރަށް ތައުރީފު ކުރައްވާފައެވެ.
ނީލް އުފަންވީ 1947 ވަނަ އަހަރު ނޮދަން އަޔަލެންޑުގައެވެ. ނަމަވެސް އޭނާ ކުޑައިރު އާއިލާއާއެކު ނިއުޒީލެންޑަށް ބަދަލުވިއެވެ. އޭނާގެ އަސްލު ނަމަކީ “ނައިޖެލް ޖޯން ޑާމޮޓް” ނަމަވެސް ފަހުން އޭނާ ވަނީ “ސޭމް” ގެ ނަމަށް ބަދަލުކޮށްފައެވެ. އޭނާގެ ފިލްމީ ކެރިއަރު ފެށުނީ 1977 ވަނަ އަހަރުގެ ފިލްމު “ސްލީޕިންގ ޑޮގްސް” އިންނެވެ.
ނީލްގެ ފާހަގަކޮށްލެވޭ ބައެއް މަސައްކަތްތަކުގެ ތެރޭގައި “ޕީކީ ބްލައިންޑާސް”، “ދަ ހަންޓް ފޯ ރެޑް އޮކްޓޯބަރ” އަދި “އޯމަން III” ހިމެނެއެވެ. އޭނާއަކީ ހަމައެކަނި އެކްޓަރެއް ނޫނެވެ. ފިލްމީ މަސައްކަތްތަކުން ދުރުގައި އުޅުނު ވަގުތުތަކުގައި އޭނާ ވަނީ ނިއުޒީލެންޑުގެ ސައުތު އައިލެންޑުގައި މޭބިސްކަދުރު ދަނޑުތަކެއް ވެސް ހައްދާފައެވެ.



