މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީން މިއަދު ނިންމާލައިފިއެވެ. މި ސަރަހައްދު މި މަހުގެ 26 ވަނަ ދުވަހު އާންމުންނަށް ހުޅުވާލުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
މި މަޝްރޫއުގެ ދަށުން ފަޅުތެރެއިން ބައެއް ހިއްކައިގެން މަގު ފުޅާކޮށް، މުޅި ސަރަހައްދުގެ މަލަމަތި ވަނީ ބަދަލުކޮށްލާފައެވެ. މީގެ އިތުރުން އެ ސަރަހައްދުގައި އާ ޕާކިން ޒޯނެއް ތަރައްގީކޮށް، މަގު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ވަނީ ހަމަޖައްސާފައެވެ.
މިހާރު ކުރިއަށްދަނީ މަގުގެ ނިޝާންތައް ކުރެހުމާއި، ސައިން ބޯޑުތައް ހަރުކުރުމުގެ އިތުރުން ޕޭވްމެންޓާއި ކޭބަލް ޓްރެންޗިންގެ މަސައްކަތްތަކެވެ. އެމްޓީސީސީން ހާމަކުރި ގޮތުގައި ސެގްމެންޓް 4 އަދި 5 ގެ ކުރެހުންތައް ނިމިފައިވާއިރު، ސެގްމެންޓް 2 އަދި 3 ގެ މަސައްކަތްތައް ވެސް ބާރުމިނުގައި ކުރިއަށްދެއެވެ.
މިދިޔަ މާޗް މަހުގެ 23 ގައި އަމަލީ މަސައްކަތް ފެށި މި މަޝްރޫއުގެ ސަބަބުން، ކުރިން ވަރަށް ބޮޑަށް ހަލާކުވެފައި އޮތް މި ސަރަހައްދުގެ ދަތުރުފަތުރަށް ބޮޑު ބަދަލެއް އަންނާނެއެވެ. ޚާއްސަކޮށް ނަސަންދުރަ އާއި ބީއެމްއެލް ހުންނަ ސަރަހައްދުގެ ބާރުބޮޑުވުމަށް ހައްލެއް ލިބި، އެއްގަމު އުޅަނދުތަކަށް ޖާގަ ތަނަވަސްކަމާއެކު ދަތުރުކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.



