ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ފަސް ތަރީގެ ހޮޓަލެއް ކަމަށްވާ “މެންހެޓަން ގްރޭންޑް ހޮޓެލް” ގެ ގްރައުންޑް ފްލޯގައި ގާއިމުކުރާ މީޑިއާ ވިލޭޖްގެ މަސައްކަތްތައް މި މަހުގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް އަމާޒު ހިފައިފިއެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މިހާރު ކުރިއަށްދަނީ މި މަޝްރޫއުގެ އެންމެ ފަހުގެ ފިނިޝިންގ މަސައްކަތްތައް ކަމަށެވެ.
މީޑިއާ ވިލެޖެއް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި މަޝްރޫއާ ގުޅޭގޮތުން 2024 ވަނަ އަހަރުގެ މިނިވަން ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މީޑިއާ ވިލެޖު ގާއިމުކުރާނީ ކުރީގެ އެސްޓީއޯ ހޮޓެލް (މިހާރުގެ މެންހެޓަން ގްރޭންޑް ހޮޓެލް) އިމާރާތުގައި ކަމަށެވެ.
މި ވިލޭޖުގެ މައިގަނޑު މަގުސަދަކީ އަމިއްލަ މީޑިއާތަކަށް އޮފީހާއި ސްޓޫޑިއޯ ހިންގުމަށް ބޭނުންވާ ޖާގަ، ވަރަށް ކުޑަ އަގެއްގައި ހަމަޖައްސައިދިނުމެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ތަނުން މީޑިއާތަކަށް ބޭނުންވާ ސްޓޫޑިއޯތައް ހަދައި، އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
އެޗްޑީސީން ބުނިގޮތުގައި، މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ މި ހިނގާ ޖުލައި މަހުގެ ނިޔަލަށް މީޑިއާ ވިލޭޖްގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލުން ކަމަށެވެ.



