ގްރޭޓަރ މާލެ ސަރަޙައްދުގައި ‘އެފޯޑަބަލް ހޯމް އޯނަރޝިޕް ސްކީމް’ ގެ ދަށުން 1000 ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމަށްޓަކައި 100 އިންސައްތަ ދިވެހި ހިއްސާވާ ފަސް ކުންފުންޏަކާ އެކު ސަރުކާރުން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް (ޕީޕީޕީ) މޮޑެލްގެ ދަށުން ހިންގާ މި މަޝްރޫޢުގެ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބުއެވެ.
މި މަޝްރޫޢު ހަވާލުކުރެވުނު ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ އެސްޖޭ ކޮންސްޓްރަކްޝަން، އަމިން ކޮންސްޓްރަކްޝަން، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންގެ އިތުރުން ވަން ރިއަލިޓީ އާއި މެޑްޓެކް ގުޅިގެން އުފައްދާފައިވާ ޖޭވީއަކާއި، ފްލެކްސިންކް، އޮކްސްރޯ، ސޮލެކްސް އަދި ބީވާ ބިލްޑާސް ހިމެނޭ ޖޭވީ ޕާޓްނަރޝިޕެކެވެ. ހުޅުމާލެ ފޭސް 3 ގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ކޮންމެ ޑިވެލޮޕަރަކަށް އެއް ޕްލޮޓް ހަވާލުކޮށްފައިވާއިރު، މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 30 މަސްދުވަހުގެ މުއްދަތެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢަކީ މެދުފަންތީގެ އާމްދަނީ ލިބޭ އާއިލާތަކަށް އަމާޒުކޮށްގެން ހިންގާ ފުރަތަމަ މަޝްރޫޢެވެ. މި މަޝްރޫޢުން އިމާރާތްކުރާ ހުރިހާ ފްލެޓްތަކެއްވެސް ވިއްކުމަށް ހަމަޖެހިފައިވަނީ ސަރުކާރުން އިޢުލާންކޮށްފައިވާ “އާއިލީ ބޯހިޔާވަހިކަން” ޕްރޮގްރާމަށް ފޯމު ހުށަހަޅައި، ޝަރުޠު ހަމަވާ ފަރާތްތަކަށް އެކަނި ކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ.
މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ފްލެޓްތައް ވިއްކޭނެ އެންމެ މަތީ އަގުތައްވެސް މިހާރު ވަނީ ކަނޑައަޅާފައެވެ. އެގޮތުން 2 ކޮޓަރީގެ ފްލެޓެއް ވިއްކޭނެ އެންމެ މަތީ އަގަކީ 1.8 މިލިއަން ރުފިޔާ ކަމަށްވާއިރު، 3 ކޮޓަރީގެ ފްލެޓެއް ވިއްކޭނެ އެންމެ މަތީ އަގަކީ 2.3 މިލިއަން ރުފިޔާ އެވެ. މިއީ ބޭންކު މޯގޭޖް ފައިނޭންސް މެދުވެރިކޮށް އާންމުންނަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.



