ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުގައި ހިމެނޭ “އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު” އަށް ޚިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުން، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ. ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ އިސްވަރު ހޯލުގައި ކުރިއަށްދިޔަ މި ބައްދަލުވުމަކީ ޒަމާނުއްސުރެ ދިވެހީންގެ މެދުގައި އޮތް ރިވެތި އަޚްލާޤާއި އާދަކާދަ އިޢާދަކޮށް ފެތުރުމަށްޓަކައި، ވީހާވެސް ގިނަ ބައެއްގެ ބައިވެރިވުމާއެކު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުވުން އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވަލީދު ވިދާޅުވީ، މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން، ދިވެހިންގެ ތެރޭގައި ހުރި އިސްލާމީ ރިވެތި އަދަބު އަޚްލާޤާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ރީތި ސިފަތައް އަލުން އަށަގަންނުވުމަށްޓަކައި ހިންގާ ބިޔަ މަޝްރޫޢެއް ކަމަށެވެ. އަދި މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި މުޅި މުޖުތަމަޢުގެ ހުރިހާ ފަރާތްތަކެއްގެ ޚިޔާލާއި ބައިވެރިވުން ހިމެނުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ދިވެހި މުޖުތަމަޢަކީ އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރާ، ޤަދަރުކުރާ އަދި ރިވެތި ސިފަތަކުން ޒީނަތްތެރިވެފައިވާ މުޖުތަމަޢަކަށް ބަދަލުކުރަންޖެހޭ ކަމަށެވެ. މުޖުތަމަޢުގެ ތެރޭގައި ހުރި މިފަދަ ރިވެތި ސިފަތައް އިތުރަށް އާލާކޮށް ދެމެހެއްޓުމަށް މަސައްކަތްކުރުމަކީ މިއަދު ކޮންމެ ދިވެހި ރައްޔިތެއްގެ ކޮނޑުގައި އެޅިފައިވާ ވަރަށް މުހިންމު ޒިންމާއެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އަމިއްލަ ޖަމްޢިއްޔާތަކާއި ކްލަބް އެސޯސިއޭޝަންތަކުން ބައިވެރިވި މި ބައްދަލުވުން ނިމިގެންދިޔައީ ބައިވެރިން ހުށަހެޅި ގްރޫޕް ޕްރެޒެންޓޭޝަންތަކަކުންނެވެ. މި ރަސްމިއްޔާތުގައި ވަޒީރު ހީނާ ވަލީދުގެ އިތުރުން ވުޒާރާގެ އިސްވެރިންނާއި، ދިވެހި ޤައުމިއްޔަތުގެ އިސްވަރު ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.



