ޅ. ނައިފަރުގެ ބިން ހިއްކުމަށް ހިންގި ބޮޑު މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ އަމަލީ މަސައްކަތް، ކަނޑައެޅިފައިވާ ތާރީޚަށްވުރެ ކުރިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ. ދައުލަތުގެ ބަޖެޓުން 679 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. މި މަސައްކަތް ނިންމުމަށް އެ ކުންފުންޏަށް ދީފައިވަނީ އެއް އަހަރާއި ނުވަ މަސް ދުވަހުގެ މުއްދަތެކެވެ.
މި މަޝްރޫއުގެ ދަށުން ނައިފަރުގައި ޖުމްލަ 44.8 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތެވެ. ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 24 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މި ބައިގެ ދަށުން 1813 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 803 މީޓަރުގެ ބޭރުތޮށި އަދި 474 މީޓަރުގެ ގްރޮއިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
ނައިފަރު ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ޒިޔާރަތުގައެވެ. މި މަސައްކަތް ފައްޓަވައިދެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ އިސްވެރިންނާއި، ދާއިރާގެ މަޖިލިސް މެންބަރުގެ އިތުރުން ރަށު ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.
ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން، ނައިފަރުގެ ބަނދަރު ހެދުމުގެ ބޮޑު މަޝްރޫއެއް ވެސް އެމްޓީސީސީން މިހާރު އަންނަނީ ކުރިއަށް ގެންދަމުންނެވެ. މި ހުރިހާ މަޝްރޫއުތަކަކީ ވެސް ނައިފަރުގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އަމާޒުކޮށްގެން ހިންގޭ މުހިންމު މަސައްކަތްތަކެކެވެ.



