ރާއްޖޭގައި ހިމަބިހި (މީސަލްސް) ފެތުރެމުންދާ މި ދަނޑިވަޅުގައި، މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 166 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ ހަފުތާގެ ތެރޭގައި އެކަނިވެސް އަލަށް 22 ކޭސް ވަނީ ފެނިފައެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭއިން ވަނީ ހާއްސަ ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް ފަށާފައެވެ. މި ކެމްޕޭނުގެ ދަށުން މިހާތަނަށް 7,100 އަށްވުރެ ގިނަ މީހުންނަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ. އެޗްޕީއޭއިން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރިކަން ޔަގީންނުވާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ވެކްސިން ފުރިހަމަކުރުމަށް އިލްތިމާސްކޮށްފައެވެ.
ހިމަބިއްސަކީ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ވައިރަހެކެވެ. މި ބަލި ފެތުރެނީ ކެއްސާ ކިނބިހި އެޅުމުގެ ތެރެއިންނާއި ބަލިޖެހިފައިވާ މީހަކާ ގާތްކޮށް އުޅުމުގެ ތެރެއިންނެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުންައައުން، ކެއްސުން، އަރިދަފުސް ފޭބުން، ލޯ ރަތްވުން އަދި މުޅި ހަށިގަނޑުގައި ރަތްބިހި ނެގުން ހިމެނެއެވެ.
މި ބަލީގެ ސަބަބުން ބައެއް ފަހަރު ނިއުމޯނިއާ ޖެހުމާއި، ސިކުނޑި ދުޅަވުން ފަދަ ނުރައްކާތެރި ސިއްހީ މައްސަލަތައް ކުރިމަތިވެއެވެ. ހާއްސަކޮށް ކުޑަކުދިންނާއި، މާބަނޑު މީހުން އަދި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް މި ބަލީގެ ނުރައްކާ ބޮޑެވެ.
އެހެންކަމުން، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށާއި، ބަލިން ރައްކާތެރިވުމަށް އެންމެންވެސް ވެކްސިން ފުރިހަމަކުރުމަށް އެޗްޕީއޭއިން ވަނީ ބާރުއަޅާފައެވެ.



