މާލެ ކައިރީގައި އޮންނަ ކަނޑުއޮތްގިރީގައި ގާއިމުކޮށްފައިވާ އައިސް ޕްލާންޓުން މަސްވެރިންނަށް އައިސް ވިއްކަން ފަށާފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕްލެކްސް (މިފްކޯ) އިން ހާމަކޮށްފިއެވެ. މިފްކޯއިން ބުނި ގޮތުގައި، ކަނޑުއޮތްގިރިން އައިސް ވިއްކަމުން އަންނަނީ ކިލޯއެއް 0.75 ރުފިޔާގެ ރޭޓުންނެވެ. އެއީ ޓަނެއްގެ އައިސް 750 ރުފިޔާއަށެވެ.
މިމަހުގެ 13 ވަނަ ދުވަހު ކަނޑުއޮތްގިރީގައި ހުޅުވި މި އައިސް ޕްލާންޓަކީ ދުވާލަކު 25 ޓަނުގެ އައިސް އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ތަނެކެވެ. މިފްކޯއިން ފާހަގަކުރި ގޮތުގައި، މި ސަރަހައްދުން އައިސް ލިބެން ފެށުމަކީ މާލެ ސަރަހައްދުގެ މަސްވެރިންނަށް، ހާއްސަކޮށް އައިސް ހޯދުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ އުޅަނދުފަހަރަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެކެވެ.
ކަނޑުއޮތްގިރިން އައިސް ވިއްކަން ފަށާފައި މިވަނީ، މިފްކޯގެ އައިސް ޕްލާންޓްތަކުން އައިސް ލިބުން ދަތިވެ، ދޯންޏަކަށް ވިއްކާ މިންވަރު ދެ ޓަނަށް ލިމިޓްކޮށްފައިވާތީ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ. މަސްވެރިން ބުނަމުންދަނީ އައިސް ލިމިޓްކުރުމަކީ މަހަށް ފުރަން އޮތް ބޮޑު ހުރަހެއް ކަމަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުން ދަތިކަމެއް ނެތި އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ކަނޑުއޮތްގިރީގައި އައިސް ޕްލާންޓެއްގެ އިތުރުން ހިކިމަސް ކާރުހާނާއެއް ވެސް މިހާރު ވަނީ ގާއިމުކޮށްފައެވެ.



