މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ގެންގުޅުއްވާ އަމާޒަށް ވާސިލުވުމަށްޓަކައި، “މާލެ ރޯޑް ޕްރޮޖެކްޓް” ގެ ދަށުން ކުރަންޖެހޭ މުހިންމު ސާވޭގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ. މިއީ މާލޭގެ ބޮޑެތި މަގުތަކުގެ ހާލަތު ދެނެގަނެ، މަރާމާތުގެ މަސައްކަތްތައް ފެށުމަށްޓަކައި ކުރިއަށްގެންދާ ސާވޭއެކެވެ.
މި މަޝްރޫއުގެ ޕްރީ-ކޮންސްޓްރަކްޝަން ސާވޭގެ ދަށުން އެމްޓީސީސީގެ ޓީމުން މިއަދު ވަނީ އަމީނީ މަގުގެ “ކޯ ކަޓިން” މަސައްކަތްތައް ކުރިއަށް ގެންގޮސްފައެވެ. މި ފަންނީ މަސައްކަތަކީ މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން، މަގުގެ ފަސްގަނޑާއި ތާރުގެ ފެންވަރު ދެނެގަތުމަށާއި، ބިންގަނޑުގެ ހާލަތާއި އަޑީގެ ފަށަލަތަކުގެ ވަރުގަދަކަން ކަށަވަރު ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މާލޭގެ އުމްރާނީ ތަރައްގީއަށް ދެއްވާ ހާއްސަ އިސްކަމުގެ ދަށުން ކުރިއަށްދާ މި މަޝްރޫއުގައި މާލޭގެ މައި ތިން މަގެއް ކަމަށްވާ އަމީނީ މަގު، އިއްޒުއްދީން މަގު، އަދި ބޮޑުތަކުރުފާނު މަގު ހިމެނެއެވެ. މި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ ސަރުކާރުގެ އުމްރާނީ ތަރައްގީގެ އެޖެންޑާގައި ހިމެނޭ މުހިންމު ބައެކެވެ.
މި މަގުތައް އަލުން މަރާމާތުކޮށް ނިމުމުން މާލޭގެ ޓްރަފިކް މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މީގެ ސަބަބުން ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި އުޅަނދުތައް ދުއްވާ ފަރާތްތަކަށް ރައްކާތެރި އަދި ފަސޭހަ މާހައުލެއް ގާއިމުވެ، މާލޭގެ މަގުތަކުގެ ހާލަތު ބޮޑުތަނުން ރަނގަޅުވެގެންދާނެއެވެ.



