އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީ (އިރީނާ) އަށް ރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބަކަށް ތޯރިގު އިބްރާހީމް އައްޔަންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވައިފިއެވެ. މި މައްސަލަ ދިރާސާކުރުމަށްޓަކައި މިހާރު ވަނީ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.
ތޯރިގު އިބްރާހީމް މިހާރު ހުންނެވީ ދިވެހިރާއްޖެއިން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައެވެ. އިރީނާގެ މަންދޫބަކަށް އޭނާ އައްޔަންކުރަން ނިންމެވީ ޔޫއޭއީގެ ސަފީރުގެ މަގާމުގައި ހުންނަވައިގެން އެ މަސްއޫލިއްޔަތު އަދާކުރައްވާ ގޮތަށެވެ.
މި ސަރުކާރުގެ ފުރަތަމަ އެންވަޔަރަމަންޓް މިނިސްޓަރުގެ މަގާމުވެސް ފުރުއްވި ތޯރިގު ވަނީ މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އޭނާއަކީ ތިމާވެއްޓާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ތަޖުރިބާކާރު ބޭފުޅެކެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅު އިއްވުމަށްފަހު، ކޮމިޓީން މައްސަލަ ދިރާސާކޮށް ނިންމުމުން އެ މަގާމަށް އޭނާ އައްޔަންކުރުމާ މެދު މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމާނެއެވެ.



