ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ އޮޕަރޭޝަންގެ ދަށުން، ހުޅުމާލެ ރަށު މާރުކޭޓުގައި ހާއްސަ ރެއިޑެއް ހިންގައިފިއެވެ. އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި، މި އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން ދެނެގަނެ، އެފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ޓާސްކް ފޯހުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
މި ރެއިޑްގެ ތެރެއިން ރަށު މާރުކޭޓު ސަރަހައްދުގައި މަސައްކަތް ކުރަމުންދިޔަ ޖުމްލަ 55 ބިދޭސީއަކު ހުއްޓުވައި، އެމީހުންގެ ލިޔެކިޔުންތައް ބަލައި ފާސްކޮށްފައިވެއެވެ. މިގޮތުން ބެލި ބެލުމުން، އިމިގްރޭޝަންގެ ގަވާއިދުތަކާ ހިލާފަށް އުޅެމުންދިޔަ 20 ބިދޭސީއަކު ފާހަގަކުރެވި، އެމީހުން މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި މަހުގެ ތެރޭގައި އިމިގްރޭޝަނުން ވަނީ މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގިނަ އޮޕަރޭޝަންތަކެއް ހިންގާފައެވެ. އޭގެ ތެރޭގައި ތިލަފުށިން 32 މީހަކާއި، މާލޭގެ ކެފޭތަކުން 10 މީހަކު އަދި ހުޅަނގު ބަނދަރު ސަރަހައްދުން 27 ބިދޭސީއަކު ވަނީ އަތުލައިގެންފައެވެ. މީގެ އިތުރުން ‘މައިގްރޭޝަން މޮނިޓަރިން އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް’ ގެ ދަށުންވެސް ގިނަ ބަޔަކު ވަނީ ޗެކްކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ މި މަސައްކަތްތައް ކުރިއަށް އޮތް ތަނުގައިވެސް މާލެއާއި އަތޮޅުތެރޭގައި މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. މި އޮޕަރޭޝަންތަކުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ.



