މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތަކުގެ ގާތްގަނޑަކަށް 80 އިންސައްތަ، އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި ތިލަފުށީގައި އަލަށް ގާއިމުކުރާ ބަނދަރު ހުޅުވުމާއެކު އެ ރަށަށް ބަދަލުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ “ނޭޝަން ޗެޓް” ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބަނދަރު ބަދަލުކުރުމަކީ ރާއްޖޭގެ އިގްތިސާދު ވަރުގަދަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި މަޝްރޫއުގެ މަސައްކަތްތައް ރޭވިފައިވާ ގޮތަށް ކުރިއަށްދާ ކަމަށާއި، މިހާރުވެސް ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ތަފްސީލުކޮށްދެއްވި ގޮތުގައި، ބަނދަރާ ގުޅުންހުރި ބައެއް ހިދުމަތްތައް މާލޭ އިންޑަސްޓްރިއަލް ވިލެޖާއި ތިލަމާލެ ބްރިޖާ ގުޅޭ ސަރަހައްދު މެދުވެރިކޮށް ކުރިއަށްދާނެއެވެ. ނަމަވެސް، ބަނދަރު ބަދަލުކޮށް ނިމުމުން މިހާރު ބޭނުންކުރަމުންދާ މާލޭ ބަނދަރުގެ ސަރަހައްދު އިތުރަށް ބޭނުން ނުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، މުޅިން ޑިޖިޓަލައިޒް ކުރެވިފައިވާ އަދި އޮޓޮމޭޓެޑް ބަނދަރުގެ ނިޒާމެއް ތައާރަފްކުރުމަށް ރޭވިފައިވާކަން ރައީސް ހާމަކުރެއްވިއެވެ. މި ނިޒާމުގެ ސަބަބުން ބަނދަރުގެ ހިދުމަތްތައް އަވަސްވެ، ލަސްވުންތައް ކުޑަވެ، ވިޔަފާރިވެރިންނާއި އާންމުންނަށް ހިދުމަތް ހޯދުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ތިލަފުށީގައި ތަރައްގީކުރާ އާ ބަނދަރަކީ މިހާރުގެ ބަނދަރަށްވުރެ ބޮޑު ބިމެއްގައި އަދި ދިގު ކީ-ވޯލްއަކާއެކު ތަރައްގީކުރާ ތަނެކެވެ. މި ބަދަލާއެކު މުދާ އުފުލުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ލިބި، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.



