އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަންސް ކޮމްޕެނީ ލިމިޓެޑް (އައިޑީއެސް) ގެ ބޯޑުގެ އެކައުންޓިން އެންޑް ފައިނޭންސް މެންބަރުކަމުގެ މަގާމަށް މަރްޔަމް ނަޒުލީނާ މިއަދު އައްޔަނުކޮށްފިއެވެ. އައިޑީއެސް އަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ މޭ މަހު އުފެއްދެވި، ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏެކެވެ.
ނަޒުލީނާއަކީ ފައިނޭންޝަލް ރިޕޯޓިން، ދައުލަތުގެ މާލީ ނިޒާމު އަދި އިންޓަގްރޭޓެޑް ފައިނޭންސް މެނޭޖްމަންޓް ސިސްޓަމްތަކުގެ ދާއިރާއިން 15 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާ މިހާރު ވެސް ގެންދަވަނީ މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސްގެ ސީނިއާ އައިއެފްއެމްއައިއެސް ފައިނޭންސް ސްޕެޝަލިސްޓްގެ މަގާމު އަދާކުރައްވަމުންނެވެ. އޭނާ ވަނީ ސެޕް ސިސްޓަމް ގާއިމުކުރުމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި 13 އަހަރަށް ވުރެ ގިނަ ދުވަހު އަމަލީ ގޮތުން މަސައްކަތް ކުރައްވާފައެވެ.
ތައުލީމީ ގޮތުން ބަލާއިރު، ނަޒުލީނާ ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލަންޑުން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވައި، މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން އެކައުންޓިން ދާއިރާއިން ފުރަތަމަ ޑިގްރީ ފުރިހަމަކުރައްވާފައެވެ. މީގެ އިތުރުން ދައުލަތުގެ އިންވެސްޓްމަންޓްތައް މޮނިޓާކުރުމާއި އެކްރޫއަލް އެކައުންޓިން އިސްލާހީ މަސައްކަތްތަކުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
އައިޑީއެސްގެ މައިގަނޑު މަގުސަދަކީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގުން ކަމަށްވާއިރު، އެ ކުންފުނިން ދާދިފަހުން ވަނީ އާރްޑީސީއާ ގުޅިގެން ޗައިނާގެ އެކްސްސީއެމްޖީ ކުންފުނިން 230 ޔުނިޓުގެ ބަރު އާލާތްތައް ރާއްޖެ ގެނައުމުގެ މަޝްރޫއެއް ވެސް ކުރިއަށް ގެންގޮސްފައެވެ. ނަޒުލީނާ ބޯޑަށް އައްޔަނުކުރުމާއެކު ކުންފުނީގެ މާލީ ހިންގުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.



