ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ (ޑީއާރުސީ) ގައި ފެތުރެމުންދާ އެބޯލާ ރޯގާއަކީ އަދިވެސް މުޅި ދުނިޔޭގެ ސިއްހީ ކުއްލި ނުރައްކަލެއްގެ ގޮތުގައި ދެމިއޮތް ހާލަތެއް ކަމަށް ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ. އެ ޖަމިއްޔާއިން ހާމަކުރި ގޮތުގައި މި ރޯގާ ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 5،000 އަށް ވުރެ މައްޗަށް އަރާފައެވެ.
ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވަނީ މި ރޯގާ ކޮންޓްރޯލް ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ބައިނަލްއަޤްވާމީ މުޖުތަމައުގެ އެހީތެރިކަމަށް ގޮވާލައްވާފައެވެ. މިހާތަނަށް މި ރޯގާގައި 2،320 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ބުންޑިބުގްޔޯ ވައްތަރުގެ ވައިރަހުން ފެތުރޭ މި ރޯގާއަކީ ޑީއާރުސީގެ ތާރީޚުގައި ވެސް މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ ގިނަ އަދަދަކަށް މީހުން މަރުވި އެބޯލާ ރޯގާއެވެ. މިއީ 2018 އިން 2020 އަށް ފެތުރި، 2،299 މީހުން މަރުވި އެބޯލާ ރޯގާއަށް ވުރެ ވެސް މަރުވި މީހުންގެ އަދަދު އިތުރު ރޯގާއެކެވެ.
ޑަބްލިޔުއެޗްއޯ އިން ފާހަގަކުރި ގޮތުގައި މި ރޯގާ ދަނީ މީގެ ކުރިން ނުފެންނަހާ ހަލުވި މިނެއްގައި ފެތުރެމުންނެވެ. އަދި ހިނގަމުންދާ ހަމަނުޖެހުންތަކާއި، ފެތުރެމުންދާ ދޮގު މަޢުލޫމާތުތަކުގެ އިތުރުން ސިއްހީ ޚިދުމަތްތެރިންނަށް އިތުބާރު ނުކުރުމުގެ ސަބަބުން ރޯގާ ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.
ޖެނެޓިކް ތަޙުލީލުތަކުން މި ރޯގާ ފެތުރެން ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކަމަށް ދެއްކި ނަމަވެސް، ރަސްމީކޮށް މި ރޯގާ ފެތުރެމުންދާކަން އިޢުލާން ކޮށްފައިވަނީ މެއި މަހުގެ 17 ވަނަ ދުވަހުއެވެ.



