ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށްވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގެ ދަށުން، ރާއްޖޭގެ 10 ރަށެއްގައި ގަސް އިންދައި ހައްދާ ނާސަރީ ޤާއިމުކުރުމަށް ކައުންސިލްތަކާއެކު ސަރުކާރުން މިއަދު އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ. މިއީ ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަށާއި ފެހިކަން އިތުރުކުރުމަށް ކުރިއަށްގެންދާ ޤައުމީ މަޝްރޫޢުގެ މުހިންމު ބައެކެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކުރުމާއި، ފެހިކަން އިތުރުކުރުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވެފައިވާ މިންވަރު ވަރުގަދަކުރުމެވެ.
ދެވަނަ ފިޔަވަހީގައި ހިމެނޭ ރަށްތަކުގެ ތެރޭގައި ހދ. ނޮޅިވަރަމް، ކ. ހިންމަފުށި، އދ. ދިއްދޫ، ފ. ދަރަނބޫދޫ، އަދި ދ. މީދޫ ހިމެނެއެވެ. މީގެ އިތުރުން ލ. ހިތަދޫ، ލ. ފޮނަދޫ، ގދ. ވާދޫ، ޏ. ފުވައްމުލައް ސިޓީ އަދި ސ. މީދޫ ވެސް ވަނީ މި ފިޔަވަހީގެ ތެރޭގައި ހިމަނާފައެވެ.
މި ނާސަރީތަކުގައި ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ތަފާތު ވައްތަރުގެ ގަސްގަހާގެހި އުފައްދައި، ރަށްރަށަށް ފަސޭހައިން ގަސް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މީގެއިތުރުން، މި ނާސަރީތަކުގައި ހައްދާ ގަސްތައް ކައިރި ރަށްރަށަށްވެސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 20 ނާސަރީ
މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 20 ނާސަރީ ޤާއިމުކުރުމަށް ސަރުކާރުން ވަނީ ރާވާފައެވެ. ފުރަތަމަ ފިޔަވަހީގައި 10 ރަށެއް ހިމަނާފައިވާއިރު، މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކާއެކު ނާސަރީ ޤާއިމުކުރާ ރަށްތަކުގެ ޢަދަދު މިހާރު ވަނީ 20 އަށް އަރާފައެވެ. ސަރުކާރުން މިފަދަ އިންފްރާސްޓްރަކްޗަރތައް ޤާއިމުކުރުމަށް އިސްކަންދެނީ ގަސް އިންދުމުގެ މަޝްރޫޢު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ބޭނުމުގައެވެ.
5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް އިފްތިތާޙުކޮށްފައިވަނީ 2024 ވަނަ އަހަރުއެވެ. ފަސް އަހަރު ދުވަހުގެ ތެރޭގައި 5 މިލިއަން ގަސް އިންދުމަށް އަމާޒުހިފާފައިވާ މި ޕްރޮގްރާމުގައި، ރާއްޖޭގެ ޤުދުރަތީ ވެށީގެ ގަސްތައް އަލުން އާލާކުރުމަށާއި އިކޯސިސްޓަމްތައް ޙިމާޔަތްކުރުމަށް ޚާއްޞަ އިސްކަމެއް ދެއެވެ. މި އަހަރުގެ ނިޔަލަށް އެއް މިލިއަން ގަސް އިންދުމަށް އަމާޒު ހިފާފައިވާއިރު، އެންވަޔަރަންމަންޓް މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި ސެޕްޓެމްބަރު 2026 ގެ ނިޔަލަށް މި ޕްރޮގްރާމުގެ ދަށުން ގާތްގަނޑަކަށް 1.8 މިލިއަން ގަސް ވަނީ އިންދާފައެވެ.



