ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބެލުމުގެ ދަށުގައިވާ އެޕްޓްމަންޓްތަކާއި ފްލެޓްތަކުގެ ބެލްކަންޏާއި ކުޑަދޮރޮތަކުގެ ސަލާމަތާއި ރައްކާތެރިކަން ބަލައި މަރާމާތުކުރަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ހާއްސަ މަސައްކަތްތަކެއް ފަށައިފިއެވެ.
ހޯމަ ދުވަހު ފެށި މި މަސައްކަތުގައި އެޗްޑީސީގެ ޓީމުތަކުން ސީދާ އެޕާޓްމަންޓްތަކަށް ޒިޔާރަތްކޮށް އެ ތަންތަނުގެ ހާލަތު ދެނެގަނެ ރައްޔިތުންނާއި ބައްދަލުކުރަމުންދާ ކަމަށް އެކޯޕަރޭޝަނުން ހާމަކުރެއެވެ. އެގޮތުން އެޕާޓްމަންޓްތަކުގެ ބެލްކަންޏާއި ކުޑަދޮރުތައް ހުރީ ގަވައިދާ އެއްގޮތަށްތޯ ބަލައި، އިސްލާހުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް އެ ކޯޕަރޭޝަންގެ ކޯޕަރޭޓް ސޯޝަލް ރެންސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެޗްޑީސީން ހާމަކުރެއެވެ.
އެޗްޑީސީން ބުނީ، އެކަމުގައި އެހީތެރިކަން ބޭނުންވާ ފަރާތަކުން މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ. މިކަމާއި ގުޅޭ އިތުރު މައުލޫމާތު މި ލިންކުން ލިބިގެންދާނެއެވެ. އަދި ލިބޭ ހުށަހެޅުންތައް ވަޒަންކުރުމަށްފަހު، ސަލާމަތީ ކަންކަން ކަށަވަރުކުރުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްގެންދާނީ ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް އެޗްޑީސީން ހާމަކުރެއެވެ.



