ސަރުކާރުން އަލަށް އުފެއްދި ވަގުފް ކުންފުނީގެ ބޭނުމަކީ ކައުންސިލްތަކުގެ އަތުން މިސްކިތްތައް އަތުލުން ނޫން ކަމަށާއި، އެ ކުންފުނިން މަސައްކަތް ކުރާނީ މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމަށް އެހީތެރިވެދިނުމަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް މިހެން ވިދާޅުވީ، ސަރުކާރުން އުފެއްދި ވަގުފް ކުންފުންޏަކީ ކައުންސިލްތަކުން މިސްކިތްތައް ބެލެހެއްޓުމުގެ މަސައްކަތް އަތުލުމަށް އުފެއްދި ކުންފުންޏެއްތޯ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ސުވާލު އުފެއްދެވުމާ ގުޅިގެންނެވެ. މިނިސްޓަރު ވިދާޅުވީ، މި ކުންފުނީގެ މައިގަނޑު މަގުސަދަކީ މިސްކިތްތައް މަރާމާތުކުރުމަށާއި ބެލެހެއްޓުމަށް ބޭނުންވާ ފައިސާ ހޯދުމަށް ދެމެހެއްޓެނިވި އާމްދަނީ ލިބޭނެ ވަސީލަތްތައް ތަރައްގީކުރުން ކަމަށެވެ.
ޝަހީމް ވިދާޅުވީ، މިހާރުވެސް މިސްކިތްތައް ބެލެހެއްޓުމަށް ކައުންސިލްތަކަށް އަހަރަކު 1 މިލިއަން ރުފިޔާ ދެމުންދާ ކަމަށާއި، އަދި މާލެ ސިޓީ ކައުންސިލުން އެ އަދަދު އިތުރުކޮށްދިނުމަށް އެދިފައިވާ ކަމަށެވެ.
ވަގުފް ކުންފުނީގެ ދައުރާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، އެ ކުންފުނިން ވަގުފް މުދާތައް ތަރައްގީކުރުމާއި، މިސްކިތްތައް ބިނާކުރުމާއި މަރާމާތުކޮށް ބެލެހެއްޓުމުގެ އިތުރުން މިސްކިތްތަކަށް ބޭނުންވާ އެކިއެކި ވަސީލަތްތައް ފޯރުކޮށްދޭނެ ކަމަށެވެ. އަދި ދީނީ ކަންކަމަށް ދެމެހެއްޓެނިވި އާމްދަނީއެއް ހޯދުމަށްޓަކައި ޝަރީއާ ހުއްދަކުރާ ވިޔަފާރިތައްވެސް އެ ކުންފުނިން ކުރިއަށް ގެންދާނެ ކަމަށް ޝަހީމް ފާހަގަކުރެއްވިއެވެ.



