މާތްވެގެންވާ މައްކާގެ މުޤައްދަސް ބިމަށް އަމާޒުކޮށް ހޫޘީން ދޭން އުޅުނު ޑްރޯން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
ރައީސް ވިދާޅުވީ އިސްލާމްދީނުގެ އެންމެ މުޤައްދަސް ބިމުގެ އަމާންކަމާއި ރައްކާތެރިކަމަށް ނުރައްކާވާ ފަދަ ކޮންމެ ޢަމަލަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ މުޅި އިސްލާމީ އުންމަތަށް ލިބުނު ފުން ހިތާމައެއް އަދި ބޮޑު އިހާނެތިކަމެއް ކަމަށެވެ.
ދިވެހިރާއްޖެ އޮތީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރާއި ރައްޔިތުންނާއެކު ފުރިހަމަ އެއްބައިވަންތަކަންމަތީގައިކަން ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. އަދި މައްކާއާއި އެ ސިޓީގެ އަހުލުވެރިންނާއި ޙައްޖާއި ޢުމުރާގެ އަޅުކަމަށް ގޮސްތިބި އަޅުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަޢޫދީ ރޯޔަލް އެއަރ ޑިފެންސް ފޯސަސްއިން ދެއްކި ހަލުވި އަދި ހަރުދަނާ ރައްދު އެމަނިކުފާނު ވަނީ ތަޢުރީފު ކުރައްވާފައެވެ.
މީގެއިތުރުން، މިފަދަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވައި، މަސްރަޙު އިތުރަށް ގޯސްވިޔަނުދީ ޞުލްޙައާއި މަޝްވަރާގެ މަގު ޚިޔާރުކުރުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.
ސައުދީ އިސްވެ އޮވެ ޔަމަނުގައި ހަރަކާތްތެރިވާ ކޯލިޝަނުގެ ތަރުޖަމާނު މޭޖާ ޖެނެރަލް ތުރުކީ އަލް-މާލިކީ ވިދާޅުވި ގޮތުގައި، ހޫތީން މައްކާއަށް އަމާޒުކޮށް ފޮނުވާލި ޑްރޯން ވައްޓާލާފައިވަނީ ރޭގެ އިރުއޮއްސި 6:50 ހާއިރު މައްކާގެ ދެކުނުންނެވެ. އެ ޑްރޯން ވައްޓާލާފައިވަނީ މައްކާގެ މަނާކުރެވިފައިވާ ވައިގެ ސަރަހައްދަށް ވަނުމުގެ ކުރިންނެވެ.



