2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޕްރައިމަރީއަކާ ނުލައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރިޔާސީ ޓިކެޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އެރުވުމަށް އެ ޕާޓީގެ ކޮންގްރެސްގައި ޤަރާރެއް ހުށަހަޅައިފިއެވެ.
ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މިއަދުގެ ސެޝަނުގައި މި ޤަރާރު ހުށަހެޅުއްވީ އެ ޕާޓީގެ މެންބަރު ޢަބްދުﷲ އިބްރާހީމެވެ.
ޤަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ރައީސް މުޢިއްޒު ދައްކަވާފައިވާ މަސައްކަތްޕުޅުތަކަކީ ދެވަނަ ދައުރަކަށް ޕާޓީގެ ރިޔާސީ ޓިކެޓް އެމަނިކުފާނަށް ދިނުމުގެ އަސާސެވެ. އެގޮތުން ޤައުމީ ސިޔާދަތާއި، ކަނޑުގެ ސަލާމަތާއި، އިޤްތިޞާދީ މެނޭޖްމަންޓާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ބޯހިޔާވަހިކަމާއި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ޤަރާރުގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، ފަލަސްޠީނަށް ތާއީދުކުރުމާއި އިސްލާމީ ކަންކަމުގައި ވަކާލާތުކުރުން ފަދަ ބައިނަލްއަޤްވާމީ މައިދާނުގައި ސަރުކާރުން ނަގާފައިވާ ސްޓޭންޑްތަކަށްވެސް މި ޤަރާރުގައި އަލިއަޅުއްވާލާފައިވެއެވެ. އަދި ސަރުކާރުން ފަށާފައިވާ ތަރައްޤީއާއި ހަމަޖެހުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި ޕީއެންސީގެ މެންބަރުން ދެކޭ ކަމަށް ބަޔާންކޮށްފައިވެއެވެ.
މި ޤަރާރުގައި ހުށަހަޅާފައިވަނީ ޕީއެންސީގެ އަސާސީ ޤަވާޢިދުގެ 88 ވަނަ މާއްދާގެ ދަށުން، ޕާޓީގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާގެ މަޤާމު އަދާކުރައްވަމުން ދެވަނަ ދައުރަކަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާނަމަ، ޕްރައިމަރީއަކާ ނުލައި އެ ބޭފުޅަކަށް ރިޔާސީ ޓިކެޓް ލިބިގެންދާ ގޮތަށް ހަމަޖެއްސުމަށެވެ.
ސެޕްޓެމްބަރ 15 އިން 18 އަށް މާލޭގައި ކުރިއަށްދާ ޕީއެންސީގެ ކޮންގްރެސްގައި މި ޤަރާރާމެދު މިހާރު ދަނީ ބަހުސްކުރެވެމުންނެވެ.



