ރަސްމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ “މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ” މަޝްރޫއުގެ ވިޔަފާރި އުސޫލުތަކާ ގުޅޭ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާ ދެމެދު ސޮއިކޮށްފިއެވެ. ގާތްގަނޑަކަށް 20 ބިލިއަން ޑޮލަރުގެ އަގުހުރި މި ބޮޑު މަޝްރޫއު ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ އެކި ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ.
މި އެއްބަސްވުމުގައި މި މަޝްރޫއު ކުރިއަށް ގެންދާނެ މައިގަނޑު ތަސައްވުރާއި ވިޔަފާރީގެ މައިގަނޑު އުސޫލުތައް ބަޔާންކޮށްފައިވާއިރު، މަޝްރޫއު ކުރިއަށްދާ ވަރަކަށް ތަފްސީލީ އެއްބަސްވުންތައް އެކުލަވާލެވޭނެއެވެ. އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލަައްބާރު ވިދާޅުވީ، ކުންފުނީގެ އަމާޒަކީ ރާއްޖޭގެ ގުދުރަތީ ވެއްޓަށް ޒިންމާދާރުކަމާއެކު އިހުތިރާމްކުރަމުން ދުނިޔޭގެ ފެންވަރުގެ މަންޒިލެއް ބިނާކުރުން ކަމަށެވެ.
މި މަޝްރޫއު ރޭވިފައިވަނީ ފަތުރުވެރިކަމާއި ދިރިއުޅުމުގެ ވަސީލަތްތައް އެކުލެވޭ ފުރިހަމަ މަންޒިލެއްގެ ގޮތުގައެވެ. މީގެ ތެރޭގައި ހޮޓާތަކާއި، ރިސޯޓުތައް، ޕްރީމިއަމް އަދި ބްރޭންޑެޑް ރެސިޑެންސްތަކާއި، މެރީނާއެއް، ވޯޓާފްރަންޓް މުނިފޫހިފިލުވުމުގެ ވަސީލަތްތަކާއި، ފިހާރަތަކާއި، ރެސްޓޯރެންޓް އަދި އެންޓަޓެއިންމަންޓް ސަރަހައްދުތައް ހިމެނެއެވެ. މީގެއިތުރުން ތައުލީމީ، ސިއްހީ، ވެލްނެސް އަދި އިޖުތިމާއީ ޚިދުމަތްދޭ މަރުކަޒުތައް ވެސް މި މަޝްރޫއުގައި ހިމެނޭނެއެވެ.
ނެރުނު ނޫސްބަޔާނުގައިވާ ގޮތުން، މި މަޝްރޫއު އެއްކޮށް ނިމުމުން އަހަރަކު އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭއިރު، ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި އަހަރަކު 2 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވެއެވެ.
މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީޚުގައި ވެސް މިހާތަނަށް ހިންގޭ އެންމެ ބޮޑު އިންވެސްޓްމަންޓް ޕްރޮގްރާމް ކަމަށެވެ. ސަރުކާރުން އަންދާޒާކުރާ ގޮތުގައި މި މަޝްރޫއުގެ މުޅި މުއްދަތުގައި ޖުމްލަ 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ރާއްޖެއަށް ލިބޭނެ ކަމަށާއި، އޭގެ ތެރޭގައި ސާފު ބޭރުގެ އިންވެސްޓްމަންޓްގެ ގޮތުގައި ގާތްގަނޑަކަށް 18 ބިލިއަން ޑޮލަރު ހިމެނޭނެއެވެ.
މީގެއިތުރުން، މި މަޝްރޫއުގެ ސަބަބުން ސީދާ އަދި ނުސީދާ ގޮތެއްގައި 54,000 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ ކަމަށް ލަފާކުރެވެއެވެ. މިނިސްޓަރު މުއްޠަލިބު ފާހަގަކުރެއްވި ގޮތުގައި މިއީ ދިވެހި މަސައްކަތްތެރިންނަށާއި ވިޔަފާރިތަކަށް އައު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމެއް ކަމަށާއި، ފަތުރުވެރިކަމުގެ އިތުރުން ރިއަލް އެސްޓޭޓަކީ އިގްތިސާދުގެ އައު ތަނބަކަށް ވެގެންދާނެ ކަމެކެވެ.
މި މަޝްރޫއުގެ މާސްޓަރޕްލޭންގައި ތިމާވެށީގެ ދެމެހެއްޓެނިވިކަމަށާއި، ކާރިސާތަކަށް ތައްޔާރުވެފައިވާ ވަރުގަދަ އުމްރާނީ ވަސީލަތްތަކަށާއި، ޒިންމާދާރުކަމާއެކު ބިން ތަރައްގީކުރުމަށް ޚާއްސަ އިސްކަމެއް ދެވޭނެ ކަމަށް ޑިވެލޮޕަރުން ބުނެއެވެ.



