ބިދޭސީންނާއި ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 1.2 ބިލިއަން ރުފިޔާ މިހާތަނަށް ހޯދާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު، ބިދޭސީންގެ ކޯޓާ ފީ އާއި އެކި ޖޫރިމަނާތަކުގެ ގޮތުގައި ދައުލަތަށް ނުލިބި 1.7 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އޮތް ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަކުރިގޮތުގައި ގަވާއިދުން ފީ އާއި ޖޫރިމަނާ ނުދައްކާ ފަރާތްތަކަށް ‘އެކްސްޕެޓް ސިސްޓަމް’ މެދުވެރިކޮށް ދެމުން އައި ޚިދުމަތްތައް މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ނަމަވެސް، ބޮޑެތި އަދަދުތަކުން ޖޫރިމަނާ އަރާފައިވާ ފަރާތްތަކަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިދީފައެވެ.
ސިސްޓަމަށް ގެންނަ އިސްލާހީ ބަދަލުތަކާއެކު، ޚިދުމަތަށް އެދޭތާ 24 ގަޑިއިރުގެ ތެރޭގައި އަވަސް ޚިދުމަތެއް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ވެސް އެ ވުޒާރާއިން މިހާރު ދަނީ ކުރަމުންނެވެ. އަދި މި ގެނެވޭ ބަދަލުތަކުގެ ސަބަބުން، ހިދުމަތަށް އެދޭތާ 24 ގަޑިއިރުގެ ތެރޭގައި ކަންކަން ހަމަޖެހި، އަވަސް ހިދުމަތެއް ލިބިގެންދާނެއެވެ.



