ޔޫކްރެއިންގެ ސިފައިން ރޭގަނޑުގެ ވަގުތެއްގައި ރަޝިޔާއަށް އަމާޒުކޮށް 1،000 އަށް ވުރެ ގިނަ ޑްރޯން ފޮނުވާލާފައިވާ ކަމަށާއި، މީގެ ތެރެއިން އެތައް ސަތޭކަ ޑްރޯނެއް ވެރިރަށް މޮސްކޯއަށް އަމާޒުކޮށްފައިވާ ކަމަށް އޮފިޝަލުން އާދީއްތަ ދުވަހު ހާމަކޮށްފިއެވެ. މި ހަމަލާތައް ދީފައިވަނީ ރަޝިޔާގެ ޕާލިމެންޓަރީ އިންތިޚާބުގެ ތިންވަނަ އަދި އެންމެ ފަހު ދުވަހުގެ ވޯޓުލުން ނިންމާލަން ކައިރިވެފައި ވަނިކޮށެވެ.
މޮސްކޯގެ މޭޔަރު މި ހަމަލާތައް ސިފަކުރެއްވީ އެ ސިޓީގެ ތާރީޚުގައި ވެސް ދެވުނު “އެންމެ ބޮޑު” ޑްރޯން ހަމަލާގެ ގޮތުގައެވެ. މި ހަމަލާތަކުގައި މޮސްކޯއަށް ތެޔޮ ފޯރުކޮށްދޭ މައިގަނޑު އެއް ތަން ކަމަށްވާ މޮސްކޯ އޮއިލް ރިފައިނަރީއަށާއި އާންމުން ދިރިއުޅޭ އިމާރާތަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މޮސްކޯ ސަރަހައްދުގެ ގަވަރުނަރު އަންދްރޭއި ވޮރޮބިޔޯވް ވިދާޅުވި ގޮތުގައި، މި ހަމަލާތަކުގައި ދެ މީހަކު މަރުވެ، 20 މީހުން ވަނީ ޒަޚަމްވެފައެވެ. މަރުވެފައިވަނީ 74 އަހަރުގެ ފިރިހެނަކާއި 44 އަހަރުގެ އަންހެނެކެވެ.
ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތްތާ ހަތަރު އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އަސްކަރީ ޑްރޯން ޓެކްނޮލޮޖީގައި ޔޫކްރެއިން ވަނީ ދުނިޔޭގެ ފެންވަރުގެ ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން އަމިއްލަ ގައުމުގައި އުފައްދާ ދުރު ރާސްތާގެ ޑްރޯންތަކާއި މިސައިލް ބޭނުންކޮށްގެން ރަޝިޔާގެ އެތެރޭގެ ސަރަހައްދުތަކަށް ދަނީ ހަމަލާ ދެމުންނެވެ.
ކީވްގެ އަމާޒަކީ މި ހަނގުރާމައިގެ ނަތީޖާ ރަޝިޔާގެ އާންމުންނަށް އިހުސާސްކޮށްދީ، ސުލްހައިގެ މަޝްވަރާތަކަށް ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންއަށް ޕްރެޝަރު ކުރުމެވެ. ނަމަވެސް ހަނގުރާމަ ހުއްޓާލުމުގެ އެއްވެސް އިޝާރާތެއް ޕޫޓިން އަދި ދައްކަވާފައެއް ނުވެއެވެ.
ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ސޯޝަލް މީޑިއާގައި ލިޔުއްވި ގޮތުގައި، މި ހަމަލާތަކުގައި ޔޫކްރެއިނުގައި އުފައްދާފައިވާ ފްލެމިންގޯ އަދި ޕެލިކަން މަރުކާގެ މިސައިލާއި ޑްރޯން ބޭނުންކޮށްގެން ރަޝިޔާގެ ތެލާއި ލޮޖިސްޓިކްސް ވަސީލަތްތަކަށް ވަނީ ހަމަލާދީފައެވެ.
“މިއީ ހަނގުރާމައިގެ މެޝިނަރީ ދަމަހައްޓަން އެމީހުން ބޭނުންކުރާ ބިލިއަން ޑޮލަރުގެ ވަސީލަތްތައް،” ރަޝިޔާގެ އިގްތިސާދަށް މާލީ ގޮތުން ޕްރެޝަރު ބޮޑުކުރުމަށް އަމާޒުކޮށް ޒެލެންސްކީ ވިދާޅުވިއެވެ.



