ޗެރިޓީ ޖަމިއްޔާއަކާ ގުޅުންހުރި މާލީ މައްސަލަތަކެއްގެ ތުހުމަތުގައި ސްރީލަންކާގެ ކުރީގެ ފަސްޓް ލޭޑީ ޝިރާންތީ ރާޖަޕަކްސަ ހައްޔަރުކޮށް، އޮކްޓޫބަރު 13 ގެ ނިޔަލަށް ބަންދުކޮށްފިއެވެ.
ކޮލަމްބޯގައި ހުންނަ އެކަމަނާގެ ގެކޮޅުގައި ގާތްގަނޑަކަށް ދެ ގަޑިއިރު ވަންދެން ސުވާލުކުރުމަށްފަހު، އެކަމަނާ ބަންދަށް ގެންގޮސްފައިވަނީ އިއްޔެ ސްރީލަންކާގެ ކޮމިޝަން ޓު އިންވެސްޓިގޭޓް އެލިގޭޝަންސް އޮފް ބްރައިބަރީ އޯ ކޮރަޕްޝަން (ސީއައިއޭބީއޯސީ) އިންނެވެ. ޝިރާންތީ ރާޖަޕަކްސައަކީ ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އަނބިކަނބަލުންނެވެ.
އެކަމަނާ ހައްޔަރުކޮށްފައިވަނީ ސިއްހީ ފަރުވާއަކަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްފަހު މި ހަފުތާގެ ކުރީކޮޅު އެނބުރި ސްރީލަންކާއަށް ވަޑައިގެންފައިވަނިކޮށެވެ. އަދި އޮކްޓޫބަރު 13 ގައި ފައިނޭންޝަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިވިޝަނަށް ހާޒިރުވުމަށް އެކަމަނާއަށް ކުރިން އޮތީ އަންގާފައެވެ.
މި މައްސަލައަކީ ނޭޝަނަލް ސޭވިންގްސް ބޭންކުން ޝިރާންތީ އިސްވެ ހިންގަވާ “ސިރިލިޔާ ސަވިޔާ” ޖަމްއިއްޔާއަށް ޖަމާކުރި 10 މިލިއަން ރުޕީސްއާ ގުޅުންހުރި މައްސަލައެކެވެ. ތަހުގީގީ އިދާރާތަކުން ބުނާ ގޮތުގައި އެ ފައިސާ ނަގާފައިވަނީ ލޭޑީ ރިޖްވޭ ހޮސްޕިޓަލް ފޯ ޗިލްޑްރަންއަށް ސީޓީ ސްކޭނަރެއް ހޯދުމަށެވެ.
ބްރައިބަރީ ކޮމިޝަނުން ތުހުމަތުކުރާ ގޮތުގައި އެ ފައިސާ ބޭނުންކޮށްގެން ސީޓީ ސްކޭނަރު ހޯދާފައެއް ނުވެއެވެ. އަދި އެ ފައިސާއަށް ވަނީ ޚިޔާނާތްތެރިވެފައެވެ. މީގެ އިތުރުން އެ ޖަމްއިއްޔާއިން ހިންގާފައިވާ އެހެން މާލީ މުއާމަލާތްތައްވެސް ދަނީ ތަހުގީގުކުރަމުންނެވެ.
ކޯޓުގައި ސީއައިއޭބީއޯސީން ބުނެފައިވަނީ ފޮރިން އެފެއާޒް މިނިސްޓްރީން ދިން 8.8 މިލިއަން ރުޕީސް އަދި ހުއާވޭ ކުންފުނިން ދިން 22 މިލިއަން ރުޕީސްވެސް އެ ޖަމްއިއްޔާގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ. އަދި ޓޮރިންގްޓަން ސަރަހައްދުން ގެއެއް ގަތް މައްސަލަވެސް ތަހުގީގުކުރަމުންދާ ކަމަށް ބުނެފައިވެއެވެ.
އެހެންނަމަވެސް ޝިރާންތީގެ ވަކީލުން ވަނީ 10 މިލިއަން ރުޕީސްއަށް ޚިޔާނާތްތެރިވި ކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ. ދިފާއީ ވަކީލުން ކޯޓުގައި ވިދާޅުވީ އެ ފައިސާ އަދިވެސް ހުރީ ސިރިލިޔާ ސަވިޔާގެ ބޭންކު އެކައުންޓުގައި ކަމަށެވެ.
ވަކީލުން ވިދާޅުވި ގޮތުގައި ސީޓީ ސްކޭނަރެއް ގަތުމަށް އެ ޖަމްއިއްޔާއިން 160 މިލިއަން ރުޕީސް ހޯދުމަށް ރޭވި ނަމަވެސް، 2014 ވަނަ އަހަރާ ހަމައަށް އެއްކުރެވުނީ ގާތްގަނޑަކަށް 42 މިލިއަން ރުޕީސްއެވެ. އަދި ފަހުން އެ މައްސަލައިގައި ޝަކުވާއެއް ހުށަހެޅުމާ ގުޅިގެން އެކައުންޓް ފްރީޒްކުރީ ކަމަށްވެސް ބުންޏެވެ.
މި މައްސަލައާ ގުޅިގެން ނޭޝަނަލް ސޭވިންގްސް ބޭންކުގެ ކުރީގެ ޗެއާމަން ޕްރަދީޕް ކަރިޔަވަސަމް ވެސް ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް ރާއްޖެއިން ބޭރަށް ދަތުރުކުރުން މަނާކުރުމަށްފަހު ކޯޓުން ވަނީ އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ.



