ދިވެހިރާއްޖޭގައި ވަގުފް މުދާ ތަރައްގީކޮށް ބެލެހެއްޓުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުނި، މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް 7 މެންބަރަކު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އައްޔަންކޮށްފިއެވެ.
އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމަށް އައްޔަންކުރައްވާފައިވަނީ އައްޝައިޚް އިއްޒައްދީން އަދުނާނެވެ. އަދި މެނޭޖިންގ ޑިރެކްޓަރަކަށް އައްޔަންކުރެއްވީ ޔާމީން އިދުރީސެވެ.
މީގެ އިތުރުން ބޯޑަށް ދެން އައްޔަންކުރެއްވި މެންބަރުންނަކީ:
ޙުސައިން ޝާމް އާދަމް
ޑރ. މުޙައްމަދު ޝުޖާއު
މަރިޔަމް ނިހާޔަތު
ޢަބްދުﷲ ޢަލީ
މުޙައްމަދު ޙިލްމީ
މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓް ލިމިޓެޑަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ގަރާރަކުން މިދިޔަ ސެޕްޓެމްބަރު 12 ގައި އުފެއްދެވި ކުންފުންޏެކެވެ. މި ކުންފުނި އުފެއްދެވީ ރާއްޖޭގައި މިސްކިތްތަކާއި އެފަދަ އެހެނިހެން ވަސީލަތްތައް ހިމެނޭހެން ވަގުފް މުދާ ތަރައްގީކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ ބޭނުމުގައެވެ.



