ވެރިކަންކުރާ ޕީއެންސީއަށް ސޮއިކުރަން ދެކޮޅު ހެއްދެވުމުން ސައޫދީ އަރަބިއްޔާގައި ހުންނަވާ ދިވެހި ސަފީރު އަޙްމަދު ސަރީރު މަޤާމުން ވަކިކުރި ކަމަށް ބުނެ ފަތުރަމުންދާ ޚަބަރަކީ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކައެއް ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ދިވެހިރާއްޖެއިން ބޭރު ޤައުމުތަކަށް ކަނޑައަޅާ ސަފީރުން ޢައްޔަންކުރުމާއި ވަކިކުރުމުގެ ކަންކަން ހިނގަނީ ދިވެހި ޚާރިޖީ ޚިދުމަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއާތުތަކާ އެއްގޮތަށް ކަމަށެވެ. އަދި ސަފީރުން ވަކިކުރުމުގެ އިޚްތިޔާރަކީ ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުން ލިބިދީފައިވާ ބާރެއް ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކުރިއެވެ.
އަޙްމަދު ސަރީރު ވަނީ 3 ޖެނުއަރީ 2024 އިން ފެށިގެން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފެންވަރުގެ ސިޔާސީ މަޤާމެއް ފުރުއްވާފައެވެ. އެއަށްފަހު، ސައޫދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމުގެ މަޤާމަށް އޭނާ ޢައްޔަންކުރެއްވީ 30 އޮކްޓޯބަރު 2024 ގައެވެ.
ޚާރިޖީ ޚިދުމަތުގެ ސުލޫކީ މިންގަނޑު ބަޔާންކުރާ ގޮތުން، އެ ޚިދުމަތުގެ މުވައްޒަފުން އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމަކީ މަނާކަމެއް ކަމަށްވެސް ފޮރިން މިނިސްޓްރީން ހާމަކުރިއެވެ. އެހެންކަމުން، މިނިސްޓްރީއާއި އެ މިނިސްޓްރީގެ މުވައްޒަފުންނާ ގުޅޭގޮތުން ސައްޙަނޫން މަޢުލޫމާތު ނުފެތުރުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.



