މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ 75 ވަނަ އަސާސީ ތަމްރީނު ކޯސް ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ފަށައިފިއެވެ. މި ކޯސް ފެށުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ.
މި ތަމްރީނު ކޯހުގައި ޖުމްލަ 149 ރެކްރޫޓުން ބައިވެރިވެއެވެ. އޭގެ ތެރޭގައި 27 އަންހެން ސިފައިން ވެސް ހިމެނެއެވެ.
ރަސްމިއްޔާތުގެ ތެރެއިން ރެކްރޫޓުންނަށް ހުވާލައިދިނުން ކުރިއަށްގެންދިޔައީ ކޮމްޕެނީ ކޮމާންޑަރ ލެފްޓިނެންޓް ކާނަލް އަޙްމަދު ޝަފީޤެވެ. އަދި މުދައްރިބުންގެ އިޤްރާރު އިއްވައިދެއްވީ ޗީފް އިންސްޓްރަކްޓަރ ކެޕްޓަން އަޙްމަދު ޝާޠިރެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމް ވަނީ ސިފައިންގެ ކިބައިގައި ހުންނަންޖެހޭ އަޚްލާޤާއި ސުލޫކު ހިފަހައްޓައި، ހިތްވަރާއެކު މަސައްކަތްކޮށް ތަމްރީނު ފުރިހަމަކުރުމަށް ހުރިހާ ރެކްރޫޓުންނަށް ގޮވާލައްވާފައެވެ. އަދި ތަމްރީނު ކުރިއަށްދާ މުއްދަތުގައި ބައިވެރިންގެ ރައްކާތެރިކަމަށް ޚާއްޞަ އިސްކަމެއް ދިނުމަށް މުދައްރިބުންނަށް އިލްތިމާސްކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.



