ރާއްޖެއިން އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެށްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން ދަނޑުވެރިކަމުގެ ބާވަތްތައް އަމިއްލަ ފަސްގަނޑުގައި އުފެއްދުމަކީ ޤައުމުގެ އިސްތިޤުލާލާ ގުޅިފައިވާ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، ދަނޑުވެރިންގެ ދުވަހަކީ ކާބޯތަކެތީގެ ރައްކާތެރިކަން ޤައުމީ ފެންވަރުގައި ކަށަވަރުކުރުމަށާއި، އިޤުތިޞާދު ސިންދަފާތު ކުރުމަށްޓަކައި ހީވާގި ދިވެހި ދަނޑުވެރިން އަދާކުރާ މުހިންމު ދައުރު ހަނދާންކޮށްދޭ އަގުހުރި މުނާސަބަތެއް ކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތަކަށް އަންނަ ލޮޅުންތަކާއި، ދަތުރުފަތުރަށް ދިމާވާ ހުރަސްތަކުން ޤައުމު ސަލާމަތްކުރުމަށްޓަކައި ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދަނޑުވެރިކަމުގެ ސިނާއަތު ފުޅާވުމަކީ ޤައުމުގައި ބޭރު ފައިސާ ހިފެހެއްޓި، ރަށްރަށުގައި ވަޒީފާގެ ފުރުޞަތުތައް ވެސް ފަހިވެގެންދާނެ ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ޢަމާޒަކީ، އެކަށައެޅިފައިވާ ބާވަތްތައް އިމްޕޯޓްކުރުމަކާ ނުލައި ރާއްޖެއަށް ބޭނުންވާ މިންވަރަށް ހައްދައިގެން ބާޒާރަށް ނެރެވޭނެ މަގުފަހިކޮށްދިނުން ކަމަށެވެ. އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިންނަށް ނަފާ އިތުރުވާނޭގޮތަށް ކުރިއަށްދެވޭނެ މަގު ކޮށައިދިނުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްގެންދިއުމަކީ އެމަނިކުފާނުގެ ޢަޒުމެއް ކަމަށް ވެސް ވިދާޅުވިއެވެ.
ދަނޑުވެރިންގެ ދުވަހުގެ އުފާވެރި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދަނޑުވެރިންނަށާއި، ދަނޑުވެރި ޢާއިލާތަކުގެ އިތުރުން މި ސިނާއަތުގައި ހިއްސާވާ އެންމެހައި ފަރާތްތަކަށް އިޚުލާޞްތެރިކަމާއެކު ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.



