ދިވެހިރާއްޖޭގެ ސަރަޙައްދާއި ޤައުމީ ސިޔާދަތަކީ ދިވެހި ދައުލަތާއި ރައްޔިތުންގެ ވަކިނުކުރެވޭނެ ޙައްޤަކަށްވާއިރު، ރާއްޖޭގެ އެއްވެސް ސަރަޙައްދެއް ބޭރުގެ އަސްކަރީ ނުވަތަ އޮޕަރޭޝަނަލް ސަވައިލެންސްގެ ދަށަށް ދޫކޮށްނުލާނެ ކަމުގެ ޔަޤީންކަން ސަރުކާރުން އަލުން ދީފިއެވެ.
ސަރުކާރުން ނެރުނު ބަޔާނެއްގައި ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ދިވެހިރާއްޖޭގެ ސިޔާދަތީ ދާއިރާއާއި، ކަނޑުގެ ވިޔަފާރި މަގުތަކާއި، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު (އީއީޒެޑް) ޙިމާޔަތްކޮށް ބެލެހެއްޓުމުގެ ފުރިހަމަ ބާރާއި ޒިންމާ އޮތީ ހަމައެކަނި ދިވެހި ދައުލަތަށް ކަމަށެވެ. އަދި ތާރީޚުގައިވެސް ރާއްޖެއިން މި ޒިންމާ ފަޚުރުވެރިކަމާއެކު އަދާކުރަމުން އައިސްފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ބައިނަލްއަޤްވާމީ ކަނޑުގެ ވިޔަފާރީގެ މުހިންމު މަގުތަކެއް ރާއްޖޭގެ ސަރަޙައްދުން ހުރަސްކުރާއިރު، ދުނިޔޭގެ ތެލާއި ވިޔަފާރި މުދަލުގެ ބޮޑުބައެއް މި މަގުތަކުން ދަތުރުކުރާ ކަމަށާއި، މި ސަރަޙައްދުގެ އަމާންކަން ކަށަވަރުކުރުމަކީ ސަރަޙައްދީ ހަމަޖެހުމާއި ދުނިޔޭގެ ނިޒާމަށް ދިވެހިރާއްޖެއިން ފޯރުކޮށްދޭ މުހިންމު ޚިދުމަތެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން، ރާއްޖޭގެ ސަރަޙައްދާއި ކަނޑުގެ މަގުތައް ބެލެހެއްޓުމާއި ދިފާޢުކުރުން ބޭރުގެ ފަރާތްތަކާ ހަވާލުނުކުރުމަކީ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ސަރުކާރުން ގެންގުޅޭ އަސާސީ ސިޔާސަތެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ.
މީގެއިތުރުން، ރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތަކަށް، އަސްކަރީ ގޮތުން ވިޔަސް ނުވަތަ އެނޫން ގޮތަކުން ވިޔަސް، ސީދާކޮށް ނުވަތަ ނުސީދާކޮށް ފުރުޞަތު ދިނުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަންނާނެ ކަމެއް ކަމަށް ސަރުކާރުން ފާހަގަކުރެއެވެ. އަދި އެއީ މުޅި ސަރަޙައްދުގެ ހަމަޖެހުމަށްވެސް ނުރައްކާވާނެ ކަމެއް ކަމަށްވާތީ، އެފަދަ އެއްވެސް އިންތިޒާމަކާ ދެކޮޅަށް ސަރުކާރުން ސާބިތުވެ އޮންނާނެ ކަމަށް ވިދާޅުވެފައިވެއެވެ.
އެހެންކަމުން، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އަސަރުކޮށްފާނެ އެއްވެސް ކަމެއްގައި، ސީދާކޮށް ނުވަތަ ނުސީދާކޮށްވެސް ބޭރުގެ ނުފޫޒުތަކަށް ދަޢުވަތު ނުދިނުމަށް ދިވެހި ސަރުކާރުން ވަނީ ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.



