އެމެރިކާގެ މަޝްހޫރު އިލެކްޓްރިކް ކާރު އުފައްދާ ކުންފުނި ޓެސްލާއިން، ވައިގެ ތެރޭގައި އުދުހުމުގެ ޤާބިލުކަން ލިބިފައިވާ “ފްލައިންގ ރޯޑްސްޓާ” ސްޕޯޓްސް ކާރު ދައްކާލައިފިއެވެ. ނަމަވެސް މި އުޅަނދު ބާޒާރަށް ނެރޭނެ ސީދާ ތާރީޚަކާއި އޭގެ އަގު އެ ކުންފުނީގެ ވެރިޔާ އީލޮން މަސްކް އަދި ހާމަކުރައްވާފައެއް ނުވެއެވެ.
ޓެކްސަސްގައި ބޭއްވި ޚާއްޞަ އިވެންޓެއްގައި ދައްކާލި މި އުޅަނދަކީ 2017 ވަނަ އަހަރު ޓެސްލާއިން ފުރަތަމަ ތަޢާރަފުކޮށް، 2018 ގައި އުފައްދަން އިޢުލާނުކުރި ރޯޑްސްޓާގެ މުޅިން އައު މޮޑެލެކެވެ. މި ހަފުލާގައި ވަނީ މި ކާރު ބިމުން މައްޗަށް އުފުލި، ވައިގެ ތެރޭގައި ދަތުރުކުރާ ގޮތުގެ ބައެއް ޚާއްޞަ ފީޗާތައް ދައްކާލާފައެވެ. މި ހަރަކާތަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އީލޮން މަސްކް ވަނީ މި އުޅަނދަކީ “މުސްތަޤުބަލު” ކަމަށް ސިފަކުރައްވާފައެވެ.
އުދުހޭ ރޯޑްސްޓާ އާންމުކޮށް ދައްކާލި ނަމަވެސް، މިއީ ވިޔަފާރި އުސޫލުން އުފައްދައި އާންމުންނަށް ވިއްކަން ފަށާނެ ތާރީޚެއް ނުވަތަ އޭގެ އަގު ހުންނާނެ މިންވަރެއް ޓެސްލާއިން އަދި ކަނޑައެއް ނާޅައެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، މި އުޅަނދު ޢާންމުކޮށް ބާޒާރަށް ނެރެވޭވަރު ވާނީ އަދިވެސް އެތައް އަހަރެއްގެ ފަހުންނެވެ.
އިލެކްޓްރިކްކޮށް ސީދާ މައްޗަށް އަރައި ފޭބުމުގެ ޤާބިލުކަން ލިބިފައިވާ އުޅަނދުތައް (އީ-ވީޓޮލް) ނުވަތަ އުދުހޭ ކާރުތައް އުފެއްދުމަށް ޓެކްނޮލޮޖީ ދާއިރާގެ ގިނަ ކުންފުނިތަކުން ވާދަކުރަމުންދާއިރު، ރައްކާތެރިކަމުގެ ސެޓްފިކެޓް ހޯދުމާއި، ޤަވާއިދުތަކަށް ފެއްތުމާއި އަދި އަގުބޮޑުވުމުގެ ސަބަބުން މިފަދަ އުޅަނދުތައް އާންމުކޮށް ބޭނުންކުރުމަށް ގިނަ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. އަދި ޓެސްލާގެ މި އުދުހޭ ރޯޑްސްޓާއަކީ އެ ހުރަސްތައް ގިރާކޮށް ގިނަ އަދަދަކަށް އުފައްދާނެ އެއްޗެއްތޯ އަދި އޮތީ ސުވާލުމާކެއްގެ ތެރޭގައެވެ.



