ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ވަޒީރު ހީނާ ވަލީދު، އެ ޤައުމުގެ ޤައުމީ އަރުޝީފަށާއި ހަންގްޒޫގައި ހުންނަ ޒެޖިއަންގް ލައިބްރަރީއަށް ޒިޔާރަތްކުރައްވައިފިއެވެ.
ހަންގްޒޫގެ ނޭޝަނަލް އާކައިވްސް އޮފް ޕަބްލިކޭޝަންސް އެންޑް ކަލްޗަރ އަށް ކުރެއްވި ޒިޔާރަތުގައި ވަޒީރު އެ ޤައުމުގެ ތާރީޚީ ލިޔެކިޔުންތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، ސަގާފީ ހަނދާންތައް ދެމެހެއްޓުމުގައި ލިޔުންތެރިކަން އަދާކުރާ ދައުރު ބައްލަވާލައްވައި، މައުލޫމާތު އޮޅުންފިލުއްވާފައިވާކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. .
މީގެއިތުރުން ޒެޖިއަންގް ލައިބްރަރީއަށް ކުރެއްވި ޒިޔާރަތުގައި، ލިޔެކިޔުންތަކުގެ ތަރިކަ ރައްކާތެރިކުރުމާއި، މައުލޫމާތު ފެތުރުމުގެ އިތުރުން ފޮތްކިޔުމުގެ އާދަ އަށަގަންނުވައި އުމުރަށް ދެމިގެންދާ އުނގެނުމަށް އެ ތަނުން ބާރުއަޅާ ގޮތްތަކާ ގުޅޭ މައުލޫމާތު ވަޒީރު ހޯއްދެވިއެވެ.
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނިގޮތުގައި ވަޒީރު ހީނާގެ މި ދަތުރުފުޅަކީ އޭޝިއާ ސަރަޙައްދުގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ގުޅިގެން މަސައްކަތްކުރާ ޖަމިއްޔާގެ ހަތަރުވަނަ ކައުންސިލް ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.



