ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ތިން ދުވަހުގެ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު އެ ޤައުމަށް ފުރާވަޑައިގެންފިއެވެ. މިއީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ޒިޔާރަތެވެ.
ރައީސް މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ އިސް ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވައެވެ.
މި ވަފްދުގައި ހިމެނިވަޑައިގަންނަވަނީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އާއި ޑިފެންސް މިނިސްޓަރު ހަސަން ރަޝީދާއި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ހެލްތު މިނިސްޓަރު ގީލާ އަލީ އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ނަސީރު އާއި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޗީފް ޕްރޮޓޮކޯލް މުހައްމަދު ޝަހުދީއެވެ.
މި މަހުގެ 20 އިން 22 އަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް މުޢިއްޒު، ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ އަދި ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ބައްދަލުކުރައްވައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ރަސްމީ މަޝްވަރާތައް ބާއްވަވާނެ ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއެވެ.
މި ބައްދަލުވުންތަކަށްފަހު ދެ ޤައުމުގެ ދެމެދުގައި މުހިންމު ދާއިރާތަކަކުން ގުޅުން ބަދަހިކުރުމުގެ 12 ފަހުމުނާމާއެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ވިޔަފާރިއާއި އިންވެސްޓްމަންޓް، ޞިއްޙަތު، ތަޢުލީމު، މޫސުމަށް އަންނަ ބަދަލުތައް، ފަތުރުވެރިކަން، މަދަނީ އުދުހުންތައް އަދި ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ އެއްބަސްވުންތައް ހިމެނެއެވެ.
މީގެ އިތުރުން މި ދަތުރުފުޅާ ދިމާކޮށް އިންވެސްޓަރުންނާއި ވިޔަފާރިތައް ހިމެނޭހެން ތިންސަތޭކައަށްވުރެ ގިނަ ފަރާތަށް ދަޢުވަތުއެރުވިގެން ބިޒްނަސް ފޯރަމެއްވެސް ބާއްވަން ހަމަޖެހިފައިވެއެވެ.
ރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުމުގައި ވަރަށް ޚާއްޞަ އަދި ތާރީޚީ ދަތުރުފުޅެއްގެ ގޮތުގައި ޕާކިސްތާނު ސަރުކާރުންވެސް ފާހަގަކުރެއެވެ.



