ދިވެހިރާއްޖެއިން ބުރުނާއީ ދާރުއްސަލާމަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު ޑރ. މަރިޔަމް ޝަބީނާ އަޙްމަދު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އެ ޤައުމުގެ ރަސްގެފާނު ސުލްޠާން ޙާޖީ ޙަސަނަލް ބޮލްކިއާ މުޢިއްޒައްދީން ވައްދައުލާއަށް އަރުވައިފިއެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ބުރުނާއީގެ ޝާހީ ގަނޑުވަރު، އިސްތާނާ ނޫރުލް އީމާންގައެވެ.
ރަސްމިއްޔާތަށްފަހު ރަސްގެފާނުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އެމަނިކުފާނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ސަފީރު ވަނީ އަރިސްކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ވެސް އެކަމަނާ އެރުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ބުރުނާއީގެ ރަސްގެފާނު ވަނީ ސަފީރަށް މަރުޙަބާ ދަންނަވައި، ދެ ޤައުމުގެ ގުޅުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބުރުނާއީ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ.
މި ރަސްމިއްޔާތުގައި ސަފީރުގެ އަރިހުގައި މެލޭޝިއާގައި ހުންނަ ދިވެހި ހައިކޮމިޝަންގެ ސެކަންޑް ސެކްރެޓަރީ ފާޠިމަތު ޝަބާ ބައިވެރިވެވަޑައިގެންނެވިއެވެ. ޑރ. މަރިޔަމް ޝަބީނާއަކީ ދިވެހިރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން ފިލިޕީންސަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު ވެސް މެއެވެ.



