މާލެ ސަރަޙައްދުގައި ހިނގާ މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓްތައް އިތުރުވަމުންދާތީ، އެފަދަ ހާދިސާތައް މަދުކުރުމަށްޓަކައި ހުޅުމާލޭގެ ބައެއް މަގުތަކުގައި ސްޕީޑް ބަންޕަރު އެޅުމާއި މަގުމަތީގެ ނިޝާންތައް ހަރުކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
ފުލުހުންގެ ލަފައާއެކު، އާންމުކޮށް އެކްސިޑެންޓްތައް ހިނގާ ކަމަށް ފާހަގަކުރެވިފައިވާ ސަރަޙައްދުތަކުގައި މި މަސައްކަތް ފަށާފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހުއެވެ. އެޗްޑީސީން ހާމަކުރި ގޮތުގައި، މި މަސައްކަތުގެ ދަށުން މިހާރު އަޅަމުންދަނީ ހުޅުމާލޭގެ މަގުތައް ފުރަތަމަ ހެދިއިރު ވެސް ބޭނުންކޮށްފައިވާ ޑިޒައިންގެ ތާރު ބަންޕަރުތަކެވެ.
މީގެކުރިން ވެސް އެޗްޑީސީން ހުޅުމާލޭގެ މަގުތަކުގައި ސްޕީޑް ބަންޕަރުތަކެއް ހަރުކުރިއެވެ. އެ ފިޔަވަޅާއެކު އެކްސިޑެންޓްތައް 70 އިންސައްތައާއި 80 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށަށް ދިޔަ ކަމަށް ތަފާސްހިސާބުތަކުން ދެއްކި ނަމަވެސް، އެ ބަންޕަރުތަކުގެ ޑިޒައިނާއި މެޓީރިއަލްއާ މެދު އާންމުންގެ ފަރާތުން ޝަކުވާތަކެއް އައުމާ ގުޅިގެން ފަހުން ވަނީ އެ ތަކެތި ނަގާފައެވެ.
ފަހަކަށް އައިސް މާލެއާއި ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓްތައް ގިނަވަމުންދާތީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޗްޑީސީގެ އިތުރުން ފުލުހުންގެ ޚިދުމަތުން ވެސް އަންނަނީ ޚާއްޞަ ފިޔަވަޅުތަކެއް އަޅަމުންނެވެ.



