ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން އެ ޤައުމަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ. އިސްލާމްއާބާދު އެއާޕޯޓަށް ރައީސްގެ ދެކަނބަލުން ފައިބައިވަޑައިގަތުމުން ރަތްދޫލައިގެ މަރުޙަބާއަކާއެކު ޝަރަފުގެ ގާޑަކާއި 21 ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ.
އެއާޕޯޓުން ރައީސްގެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވީ ޕާކިސްތާނުގެ ކެބިނެޓް ވަޒީރުންނާއި ސަރުކާރުގެ އިސް ވެރިންނެވެ. ވަޒީރުންގެ މަޖިލީހުގެ މެންބަރުން ހިމެނޭހެން ދިވެހި ސަރުކާރުގެ އިސް ވަފުދެއް ބައިވެރިވާ މި ދަތުރުފުޅަކީ ފާއިތުވި 11 އަހަރުގެ ތެރޭގައި ރާއްޖޭގެ ވެރިޔަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ތިން ދުވަހުގެ މި ދަތުރުފުޅުގައި ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީ އަދި ބޮޑުވަޒީރު ޝެހެބާޒް ޝަރީފާ ވަކިވަކިން ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދެ ޤައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއް ބަދަލުކުރުމާއި، 300 އަށް ވުރެ ގިނަ ފަރާތްތަކާ އެކު ޚާއްޞަ ބިޒްނަސް ފޯރަމެއް ބޭއްވުން ވެސް އޮންނާނެއެވެ. ދެ ޤައުމުގެ ސިޔާސީ ގުޅުމަށް މިއަހަރު 60 އަހަރު ފުރިފައިވާއިރު، މިއީ އަވައްޓެރި ޤައުމުތަކާ ގުޅުން ވަރުގަދަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.



