ށ. ފުނަދޫ ބަނދަރު ސަރަހައްދުގައި ހުރި ޕެޓްރޯލް ޝެޑެއްގައި މިއަދު ހެނދުނު ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި، މުޅި ރަށު ތެރެއަށް ބޯ ދުން ފެތުރިއްޖެއެވެ.
މި ހާދިސާގެ ރިޕޯޓް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ލިބިފައިވަނީ ހެނދުނު ގާތްގަނޑަކަށް 8:00 ހާއިރު ކަމަށް އެ އިދާރާއިން މައުލޫމާތު ދީފައިވާއިރު، ފުލުހުންނަށް މި މައްސަލަ ރިޕޯޓްކޮށްފައިވަނީ ހެނދުނު 8:15 ހާއިރުއެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުލުހުންގެ އޮފިސަރުން ހަރަކާތްތެރިވަމުން އަންނައިރު، ކުޅުދުއްފުށީ ފަޔާ ސްޓޭޝަންގެ ފަޔަރފައިޓަރުން ފުނަދުއަށް ގޮސްފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ފުނަދޫ އެއާޕޯޓުގެ ފަޔަރފައިޓަރުން ވެސް އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި ބައިވެރިވަމުންދާ ކަމަށް އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވިއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި މިހާތަނަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމެއް ނުވަތަ ލިބުނު ގެއްލުމުގެ ތަފުސީލެއް އަދި ސާފެއް ނުވެއެވެ.



