ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި ސްކޫލް ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބިދޭސީ ދެ ޓީޗަރަކު ވަކިވަކި ދެ މައްސަލައެއްގައި ފުލުހުން ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ އުމުރުން 52 އަހަރުގެ ދެ ފިރިހެނުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ފުރަތަމަ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އޮކްޓޫބަރު 11 ގައެވެ. އަދި 12 އަހަރާއި 13 އަހަރާ ދެމެދުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ ދެވަނަ މައްސަލަ ރިޕޯޓްކޮށްފައިވަނީ އޮކްޓޫބަރު 17 ގައެވެ.
ކޯޓު އަމުރެއްގެ ދަށުން ފުރަތަމަ ޓީޗަރު ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު 14 ގައެވެ. ގްރޭޑް 10 އަކަށް ހިސާބު ކިޔަވައިދޭ އެ ޓީޗަރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ. ދަށު ގްރޭޑްތަކަށް އިނގިރޭސި ކިޔަވައިދޭ ދެވަނަ ޓީޗަރު މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށް، ކޯޓަށް ހާޒިރުކުރުމުން ވަނީ ތަހުގީގު މަރުހަލާ ނިމެންދެން 30 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.
ފުލުހުން މި މައްސަލަތަކުގެ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މި ދެ މައްސަލަ ވެސް ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



