ބައިނަލްއަގުވާމީ ބާޒާރުގައި މުދަލާއި ހިދުމަތް ވިއްކާ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެސްއެމްއީ)، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ގޭޓްވޭ މެދުވެރިކޮށް ޔޫއެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު އަންނަ ނޮވެމްބަރު 1 އިން ފެށިގެން ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފިއެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއިތަކެއް ލިބިގެންދާނެ ކަން ރައީސް އިއުލާންކުރެއްވީ މިރޭ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މި ނިޒާމުގެ ދަށުން، ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ތަނަކުން ވެސް ދިވެހި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ. މީގެ އިތުރުން، ވިޔަފާރިތަކަށް ލިބޭ މި ފައިސާ ބޭނުންކޮށްގެން ކާޑު މެދުވެރިކޮށާއި ރެމިޓެންސްގެ ގޮތުގައި ރާއްޖެއިން ބޭރުގެ މުދަލާއި ހިދުމަތްތަކަށް ފައިސާ ދެއްކޭނެ ކަމަށާއި، މިއާއެކު ބައިނަލްއަގުވާމީ މާލީ މުއާމަލާތްތައް ކުރުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި އިންތިޒާމާއެކު، އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވިޔަފާރި ހިންގުމުގައި ބޭނުންކުރާ ތަފާތު ސަބްސްކްރިޕްޝަންތަކަށާއި އެހެނިހެން ހިދުމަތްތަކަށް ފައިސާ ދެއްކުމުގެ ފުރުސަތު ވެސް ވިޔަފާރިތަކަށް ލިބިގެންދާނެއެވެ.
ރައީސް ވިދާޅުވި ގޮތުގައި، މި ބަދަލުތަކުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވާ ހުރަސްތައް ނެތިގޮސް، އެ ވިޔަފާރިތަކުގެ އާމްދަނީ އާއި ފައިދާ އިތުރުކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ. މި އިސްނެންގެވުމުގެ މައިގަނޑު އަމާޒަކީ ބޭރު ފައިސާއިން ފައިސާ ބަލައިގަތުމާއި ބޭނުންކުރުން ފަސޭހަކޮށްދީ، ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްކުރާ ދިވެހި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.



