ހަށިގަނޑުގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ޓްރެފިކް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި އުމުރުން ދުވަސްވީ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، ޝަރީޢަތް ނިމެންދެން ބަންދުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ވ. ފުލިދޫ، ހަޒާރުމާގެ، އުމުރުން 62 އަހަރުގެ އަޙްމަދު ނަޞީރު ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު ރާއްޖެ އައިއިރު، ހަށިގަނޑުގައި ރައްކާކޮށްގެން މަސްތުވާތަކެތި އެތެރެކުރި ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ދިން މަޢުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓުންނެވެ.
އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 19 ބުލެޓް ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. އަދި މި ތަކެތީގެ ވަގުތީ ބަރުދަނުގައި 427 ގްރާމް ހުރި ކަމަށް ވަނީ ހާމަކޮށްފައެވެ.
އަޙްމަދު ނަޞީރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.



