މޮރިޝަސްއާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމުގެ މައްސަލަ ރާއްޖެއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ކުރިއަށްގެންދިޔަ ގޮތް ތަޙުޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ ރިޔާސީ ކޮމިޝަނެއް އުފައްދަވައިފިއެވެ.
ރައީސް މި ކޮމިޝަން އުފެއްދެވީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ތ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، ނަންބަރު 2026/17 ޤަރާރުންނެވެ. މިފަދަ ކޮމިޝަނެއް އުފައްދަވާނެކަން ރައީސް ވަނީ މިއަހަރުގެ ފެބްރުއަރީ 5 ވަނަ ދުވަހު އިއްވެވި ރިޔާސީ ބަޔާނުގައި އިޢުލާނުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި ގޮތުގައި، އިޓްލޮސް ކޭސް ނަންބަރު 28 ގެ ގޮތުގައި ކުރިއަށްދިޔަ މި މައްސަލަ ދިރާސާކުރި ބައިނަލްއަޤްވާމީ މާހިރުންގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި، އެ މައްސަލައިގައި ރާއްޖެއިން ޢަމަލުކުރި ގޮތުގެ ސަބަބުން ޤައުމުގެ ސަރަޙައްދުން ބައެއް ގެއްލި، އިޢާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ މަސްވެރިކަމަށާއި، ކަނޑުގެ މުއްސަނދިކަމާއި ފަޅުގެ ވަސީލަތްތަކަށް ލިބުނު ގެއްލުންތައް ހިމެނެއެވެ.
ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޝަނުގެ ރައީސަކަށް ހަމަޖައްސަވާފައިވަނީ އުސްތާޛު އަޙްމަދު ޝާކިރު އެވެ. ދެން ތިއްބަވާ މެންބަރުންނަކީ:
ޢަބްދުލްޢަޒީޒު ޔޫސުފް
ޑރ. އާމިނަތު ޝާފިޔާ އާދަމް
ޑރ. ޢަބްދުލްމުޙްސިން މުޙައްމަދު
ރިޓަޔަރޑް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤު
އަޙްމަދު ޢަލީ މަނިކު
އުސްތާޛާ ފާޠިމަތު މިންހަތު ޢިއްޒަތު
މި ކޮމިޝަނާ މަތިކޮށްފައިވާ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި، އެ މައްސަލައިގައި ދަޢުލަތުގެ މުވައްޒަފުންނާއި، މުޝީރުންނާއި، ވެރިން އަދި އިދާރާތަކުން ޢަމަލުކޮށްފައިވާ ގޮތް ބެލުމާއި، ޝަރީޢަތުގެ މަރުޙަލާގައި ރާއްޖެއިން ނިންމި ނިންމުންތަކާއި ދިން ޖަވާބުތައް ބަލައި ދިރާސާކުރުން ހިމެނެއެވެ.
މީގެއިތުރުން، އެ މައްސަލައިގައި ޤާނޫނީ ގޮތުން އިހުމާލުވުމެއް އޮތްތޯއާއި، އިހުމާލުވި މިންވަރު ކަނޑައެޅުމުގެ އިތުރުން މައްސަލައާ ގުޅޭ ލިޔެކިޔުންތައް ބަލަހައްޓައި ރައްކާކޮށްފައިވާ ގޮތް ވެސް ކޮމިޝަނުން ތަޙުޤީޤުކުރާނެއެވެ. އަދި ޒިންމާވާންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ލަފާދިނުމާއި، ކުރިމަގުގައި މިފަދަ ކަމެއް ތަކުރާރުވިޔަނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ހުށަހެޅުމުގެ ބާރުވެސް ކޮމިޝަނަށް ވަނީ ދެއްވާފައެވެ.
މި ކޮމިޝަނުގެ މަސައްކަތް ކުރިއަށްދާނީ ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނުގެ މެންޑޭޓް ފުރިހަމަވެއްޖެ ކަމަށް ކަނޑައަޅުއްވަންދެނެވެ.



